ޚަބަރު

ވަކީލުކަމުގެ ހުއްދަ ހޯދުމަށް ބޭނުންވާ ތަމްރީނު ފުރިހަމަކުރުގެ އިންތިޒާމު އޭޖީ އޮފީހުން ހަމަޖައްސައިދީފި


ޤާނޫނީ ރޮނގުން ދަސްވެނިވެ، ވަކީލުކަމުގެ ހުއްދަ ހޯދުމަށް ބޭނުންވާ ތަމްރީނު ފުރިހަމަކުރުމުގެ އިންތިޒާމް މިއަދުން ފެށިގެން އޭޖީއޮފީހުގައި ހަމަޖައްސައިފިއެވެ.

އެޓަނީ ޖެނެރަލް އިބްރާހިމް ރިއްފަތު ކުރައްވާފައިވާ ޓުވީޓްގައި ވިދާޅުވީ މި ޓްރެއިނިން ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ޤާނޫނީ ރޮނގުން ދަސްވެނިވެ، ވަކީލުކަމުގެ ހުއްދަ ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ފޯރުކޮށް ދެއްވާނެކަމަށެވެ.

ވަކީލުކަމުގެ ހުއްދަ ހޯދުމަށް ބޭނުންވާ ތަމްރީނު ދިނުމަކީ ބާކައުންސިލުން އަދާކުރަންޖެހޭ ޒިންމާއެކެވެ. ނަމަވެސް އެކައުންސިލަށް މިކަމުގެ މަސައްކަތް ނުކުރެވި ޤާނޫނީ ދާއިރާއިން ދަސްވެނިވެފައިވާ ތިން ސަތޭކަ އަށްޑިހަ ނުވަ ދަރިވަރެއްގެ ކަންބޮޑުވުންތަކާއިއެކު ރައްޔިތުންގެ މަޖިލީހަށްވަނީ މިދިޔަ ހަފްތާގައި ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

މި ޕެޓިޝަންގައި ޤާނޫނީ ގޮތުން އެކުދިންނަށް ކުރިއަށް ދިއުމުގައި ކުރިމަތިވާ ކަންތައްތައް ފަހަގަކޮށްފައިވާކަމަށެވެ. މައިގަނޑު ހަތް ކަމެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ ޕެޓިޝަނާއި ގުޅޭގޮތުން ގޮތްތަކެއް ކަނޑައެޅުމަށް ޕެޓިޝަން ކޮމިޓީގައި މަޝްވަރާ ކުރެވިގެންދާނެކަމަށް މި ޕެޓިޝަނާއި މަޖިލީހުގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްވަނީ ވިދާޅުވިއެވެ.

މިމައްސަލާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވީ ބާކައުންސިލުން މިކަމުގައި އެބޭފުޅުންގެ ބައެއްކަންބޮޑުވުން ހާމަކުރައްވާފައިވާކަމަށެވެ. އެގޮތުން އެބޭފުޅުންނަށް އިށީންނާނެ ތަނެއް ނެތުންފަދަ ޝަކުވާ ފަދަ ކަންކަން ކޮށްފައިވާކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ބާ ކައުންސިލަށް ބޭނުންވާ ބަޖެޓް ފާސްކޮށް ފިނޭންސް މިނިސްޓްރީން ބަޖެޓް ދޫކޮށްފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.