ކޯވިޑް-19

ކޯވިޑް-19: ރާއްޖޭގައި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކޮށްފި


ޢާއްމު ސިއްޙަތާ ބެހޭ ޤާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިދީފައިވާ ބާރުގެ ދަށުން ރާއްޖޭގައި ރާއްޖޭގައި 30 ދުވަހަށް ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު، ދެންމެ ޢިއުލާންކުރައްވައިފިއެވެ.

މިކަން ޢިއުލާން ކުރެއްވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނެވެ.

މިނިސްޓަރ އަމީން ވިދާޅުވީ މިގޮތަށް ނިންމެވީ ރާއްޖޭގެ ޢާއްމު ސިއްހަތުގެ އެންމެހައި ކަންކަން ތަރުތީބުކުރުމަށް އެކުލަވާލާފައިވާ، ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކްހެލްތަށް ލިބިފައިވާ އިޚްތިޞާސްތަކުގެދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތު މިނިސްޓަރަށް އަރުވާފައިވާ ލަފަޔާއެކުކަމަށެވެ.

އަދި މިޙާލަތު ޢިއުލާންކުރެއްވީ މިހާރު ދުނިޔޭގައި ކޯވިޑް-19 ގެ ޙާލަތާއި އަދި ރާއްޖެއަށް މިބަލީގެ ޙާލަތު ކުރިމަތިވެފައިވާ ގޮތާއި، އަދި ރާއްޖެއިން މިކަމަށް އަޅަން ހުރި ފިޔަވަޅުތަކަށް ބަލައި، އަދި ރާއްޖެއަށާއި ދުނިޔެއަށް މިކަމުގައި އޮތް ނުރައްކާތެރިކަމާއި ރިސްކަށް ބަލައި، ރާއްޖޭގައި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އޮތްކަން ޤަބޫލުކުރެވޭތީކަމަށެވެ.

މިހާލަތު ޢިއުލާންކުރުމާ ގުޅިގެން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކްހެލްތަށް ޚާއްސަ މަސްއޫލިއްޔަތުތަކާއި ޚާއްސަ އިޚްތިޔާރުތަކެއް އަދި ޚާއްސަ ކަންތައްތަކެއް ކުރަން ލާޒިމްކުރާކަން މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ. އެގޮތުން ތަންތަން ކަރަންޓީނުކުރުމާއި، މީހުން އައިސޮލޭޓުކުރުމާއި އަދި ސަރުކާރުން ޢާއްމު ސިއްޙަތަށްޓަކައި އަޅާ ފިޔަވަޅުތައް މުހިންމު ބާރުތަކެއް ކަމާބެހޭ ފަރާތްތަކަށް ލިބިދޭކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިޙާލަތު ޢިޢުލާންކުރީ ރާއްޖޭގައި މިބަލި ފެތުރިގެންދިއުން ކޮންޓްރޯލްކުރުމަށާއި، އަދި މިހާރު މިއޮތް ޙާލަތުން އަވަހަށް އަރައިގަތުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އެޅުމަށްކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.