ޚަބަރު

ފުރާނައަށް ނުރައްކާވާ ބަލިމަޑުކަމެއްގެ ހާލަތެއް ދިމާވެއްޖެނަމަ ގޭގައި ނަމާދު ކުރޭ - ޢިލްމުވެރިން


އިންސާނުންގެ ފުރާނައަށް ނުރައްކާވާ ބަލިމަޑުކަމެއްގެ ހާލަތެއް ދިމާވެއްޖެނަމަ ޖަމާޢަތުގައި ނަމާދު ނުކުކޮށް ގޭގައި ނަމާދުކުރުމަށް ދީނީ ޢިލްމުވެރިން ޢިލްތިމާސްކުރައްވައިފިއެވެ.

ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ނަމާދު ކުރާނެ ގޮތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ޕެނަލް ޑިސްކަޝަންގައި ޢިލްމުވެރިން ވަނީ މިކަމަށް ވަރަށް ފުޅާކޮށް ވާހަކަދައްކަވާފައެވެ. މިގޮތުން ޢިލްމުވެރިން ވަނީ މިފަދަ ޙާލަތެއްގައި މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރުމަކީ ހުއްދަކަމެއްކަން ފާހަގަކޮށް މިކަމަށް އިސްލާމީ ބޮޑެތި ޤައުމުތަކުގެ ޢިލްމުވެރިންވެސް އެއްބަސްވެފައިވާކަން ފާހަގަކުރައްވާފައެވެ.

މިޕެނަލް ޑިސްކަޝަންގައި ޢިލްމުވެރިން ވަނީ މިފަދަ ޙާލަތެއްގައި ކަންކުރާނެ ގޮތް ހާމަކޮށް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަޞައްލަމަގެ ހަދީޘް ބަސްފުޅުތަކުން މިސާލު ޖައްސަވާފައެވެ. އެގޮތުން ނުރައްކާތެރި ހާލަތެއް މެދުވެރިވެއްޖެނަމަ މިސްކިތައް ނަމާދަށް ނުދިޔުމަށް ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާކަމަށާއި އޭގެ ބަދަލުގައި ގޭގައި ފަރުޟު ނަމާދުތައް ކުރުމަކީ ހުއްދަކަމެއްކަން އިލްމުވެރިން ފާހަގަކުރެއްވިއެވެ.

"ގޭގައި ނަމާދުކުރާއިރުގައިވެސް ގޭތެރޭގައި އުޅޭފަރާތްތަކާއެކު ޖަމާޢަތް ހަދައިގެން ނަމާދުކުރެވިދާނެ. ނަމަވެސް ބައެއް ގެ ތަކަކީ އެންމެނަށް ޖަމާއަތުގައި ނަމާދު ނުކުރެވޭ ގެ ތަކެއްވިނަމަވެސް އަމިއްލައަށް ނަމާދުކުރެވޭނެ. މަޖުބޫރެއް ނޫން ގޭގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން. ޢިލްމުވެރިން ފާހަގަކުރެއްވިއެވެ.

ގޭގައި ނަމާދުކުރުމަށް ލިބޭ ފުރުޞަތަކީ ތިމާގެ ޢާއިލާއަށާއި ދަރިންނަށް ނަމޫނާ ދެއްކުމަށް ލިބިގެންދާ ރަނގަޅު ފުރުޞަތެއްކަމަށާއި ޝަރުޢީ އުޒުރަކާ ލައިގެން ގޭގައި ނަމާދު ކުރިކަމުގައި ވީނަމަވެސް ޖަމާޢަތުގައި ކުރާ ނަމާދުގެ ޘަވާބާއި ދަރުމަ ލިބިގެންދާނެ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.

"ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ނެރެފައިވާ އަމުރަކީ ޝަރުޢީ ދަލީލެއްގެ ޢަމުރެއް. މިދައްކަނީ ސަރުކާރުން ނެރޭ ސިޔާސީ އަމުރެއްގެ ވާހަކައެއް ނޫން. މިއީ ޝަރުޢީ މަސްލަހަތެއް ނިޔާކުރުމަށްޓަކައި އަޅުގަނޑުމެން ޝަރުއީ ގޮތުން އެފަރާތެއްގެ ކަންކަމަށް ކިޔަމަންވުމަށްޓަކައި ޝަރީޢަތުގައި ކިޔަމަންވާން ޖެހޭ ފަރާތުގެ އަމުރުތަކެއް."ޢިލްމުވެރިން ވިދާޅުވެއެވެ.

މި ޕެނެލް ޑިސްކަޝަންގައި ވަނީ މި ދަނޑިވަޅުގައި ސިއްޙީ މާހިރުންނާއި ކަމާބެހޭ ފަރާތްތަކުގެ އަޑުއެއްސެވުމަށް ގޮވާލާފައެވެ. އަދި އެއްވުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި ދަމު ހިނގުންފަދަ ޢަމަލުތައް ނުކުރުމަށްވެސް ގޮވާލައްވާފައެވެ.

މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެފައިވަނީ ދީނީ ޢިލްމުވެރިޔާ ޑރ. އަބްދުލް ޖަމީލާއި އައްޝައިޚް އިލްޔާސް ޖަމީލާއި އައްޝައިހް މުޙައްމަދު ޝަމީމްގެ އިތުރުން އައްޝައިޙް ހުސައިން މޫސާ ފިކުރީއެވެ.