ޚަބަރު

ހޯމްކަރަންޓީންގައި ތިބޭމީހުންނަށް އަންގާ އެގުންތަކަށް ތަބާނުވާނަމަ ފިޔަވަޅު އަޅާނެ


ހޯމްކަރަންޓީގައި ތިބުމަށް އަންގާ މީހުންނަށް ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު ފުލުހުން އަޅާނެކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޯވިޑް-19ގެ މަޢުލޫމާތު ހާމަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅުއްވާފައިހުންނަވާ ތަރުޖަމާން މުޙައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ މިހާލަތުގައި ހޯމް ކަރަންޓީންއަށް ދާން އަންގާ ފަރާތްތަކުން އެކަމަށް އަމަލު ނުކުރާނަމަ 1676 އަށް ގުޅައި އެމީހެއްގެ މަޢުލޫމާތު އެންގުމަށް އެދޭކަމަށެވެ.

އަދި ކަމާބެހޭ ފަރާތްތަކުން މިދަނޑިވަޅުގައި އަންގާ މިފަދަ އެންގުންތަކަށް ތަބާނުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު ފުލުހުން އަޅުއްވަމުންދާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދަނޑިވަޅުގައި އަޅާކޮންމެ ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާއި ރައްކަލަކަށްޓަކައި އަޅާ ފިޔަވަޅެއްކަމަށް މަބުރޫކް ވިދާޅުވިއެވެ.

ކޯވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 13 މީހެއް:
- ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
- ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
- ކުރަމަތި މޯލްޑިވްސްއިން 2 މީހުން
- ސަފާރީއަކުން 2 މީހުން
- އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުންނެވެ.

ކޯވިޑް-19އަށް ޝައްކު ކުރެވޭ މީހުންގެ ޓެސްޓު ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދު ސާމްޕަލް ނަގާފައިވާ، މަރަދޫ 2 މީހުންގެ ތެރެއިން އެކަކީ މެލޭޝިއާއިން ރާއްޖެ އައިމީހެކެވެ. އަނެއްމީހަކީ އިންޑިޔާއިން ރާއްޖެއައި މީހެކެވެ. އަދި ގުރައިދޫއިން ސާމްޕަލް ނަގާފައިވަނީ އިންޑިޔާއިން ރާއްޖެ އައިސްފައިވާ މީހެއްމަށްވެސް މަބުރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހަފްތާގައި ނެގޭ ސާމްޕަލްތަކުގެ އަދަދު އިތުރުވާނެކަމަށެވެ.

ރޯގާގެ އަސަރު ކިރިޔާ ހުރި މީހުންނާއި ބަލީގެ އަލާމާތްތައް ކިރިޔާ ފެންނަ މީހުންގެވެސް ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކޯވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.