ޚަބަރު

ސްރީލަންކާގައި މިވަގުތު ތިބި ދިވެހިންގެ ވިސާގެ މުއްދަތު އިތުރުކޮށްދެނީ


ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 ރޯގާގެ ސަބަބުން ސްރީލަންކާއަށް އެތެރެވުމަށް އެއްވެސް ބާވަތެއްގެ ވިސާ ދޫކުރުން އެޤައުމުން ހުއްޓާލާފައިވާ މި ދަނޑިވަޅުގައި އެޤައުމުގައި ތިއްބާ ވިސާ ހަމަވާ ދިވެހިންނަށް އިތުރު 30 ދުވަހު ލަންކާގައި ތިބުމުގެ އިންތިޒާމް އެޤައުމުން ހަމަޖައްސައިފިއެވެ.

ސްރީލަންކާ ސަރުކާރުން ނިންމާފައިވަނީ 14 މާރޗުން 12 އޭޕްރިލް އާ ދެތެރޭ އެ ޤައުމުގައި އުޅޭ ބިދޭސީންނަށް ލިބިފައިވާ ހުރިހާ ކެޓަގަރީއެއްގެ ވިސާ 30 ދުވަހުގެ މުއްދަތަކަށް އިތުރުކުރުމަށެވެ.

މިގޮތުން، މަތީގައި ބަޔާންކޮށްފައިވާގޮތަށް ވިސާގެ މުއްދަތު އިތުރު ކޮށްފައިވާ ފަރާތްތައް، އެކަމަށް ދައްކަންޖެހޭ ފީ ދެއްކުމަށާއި ޕާސްޕޯޓްގައި އެކަމާ ގުޅުންހުރި ސްޓޭމްޕް ޖެހުމަށްޓަކައި، 8 ނޫނީ 9 އޭޕްރީލްގައި ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ވިސާ ޑިވިޜަނަށް ހާޒިރު ވުމަށް ވެސް ވަނީ އެދިފައެވެ.

މި އިންތިޒާމްގެ ދަށުން ސްރީލަންކާގައި މިވަގުތު ކުރު މުއްދަތުގައި ވިސާ އަދި ރެޒިޑެންޓް ވިސާގައި ތިބި ދިވެހިންނަށްވެސް އެއްވެސް މައްސަލައެއް ނެތި އިތުރު 30 ދުވަހުގެ ވިސާ ހަމަޖެހިގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ ފްލައިޓްތައް މެދުކަނޑާލުމާ ގުޅިގެން ދަތުރުކުރުމުގައި ދަތިތައް ދިމާވި ފަރާތްތަކަށް ކުރިމަތިވާ ވިސާގެ މައްސަލަތަކަށްވެސް ވަނީ ހައްލު ލިބިގެން ގޮސްފައެވެ.

މީގެ އިތުރުން 1 މާރޗުން 15 މާރޗާ ދެމެދު، އިރާން، ދެކުނު ކޮރެއާ އަދި ޔޫރަޕުގެ އެއްވެސް ޤައުމަކުން ސްރީލަންކާއަށް ދަތުރުކުރުމަށްފަހު މިވަގުތު އެޤައުމުގައި ތިބި ހުރިހާ ފަރާތްތައް، ވީ އެންމެ އަވަސް ފުރުސަތެއްގައި އެފަރާތާ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަންގައި ނޫނީ 119 ކޯލް ސެންޓަރަށް ގުޅައިގެން ރަޖިސްޓަރ ކުރުމަށްވެސް ވަނީ އަންގާފައެވެ.