ދުނިޔޭގެ އެންމެ ބޮޑު އެއް އެއަރލައިން، އެމިރޭޓްސްއިން ކުރާ ޕަސިންޖަރ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.
ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެމިރޭޓްސްއިން ފަސިންޖަރުން އަރުވައިގެން ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25ވަނަ ދުވަހުއެވެ. އެ ކުންފުނިން މިގޮތަށް ނިންމި ނަމަވެސް އެމިރޭޓްސްގެ ކާގޯ ދަތުރުތައް ކުރިއަށް ގެންދާނެއެވެ.
މިކަމާއި ގުޅޭގޮތުން އެމިރޭޓްސްގެ ޗެއަރމަން ޝެއިޙް އަޙުމަދު ބިން ސައީދު އަލް މަޙްތޫމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ދުނިޔެ މިހާރު އޮތް ހާލަތު ގާތުން ބަލަމުންދާ ކަމަށާއި، ހާލަތު ތަންދޭހާ އަވަހަކަށް ދަތުރުތައް އަލުން ފަށާނެ ކަމަށެވެ.
މިކަމުގެ ސަބަބުން އެމިރޭޓްސް ކުންފުންޏަށް ލިބޭ މާލީ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެމިރޭޓްސް ގްރޫޕުގައި ވަޒީފާއަދާ ކުރާ ފަރާތްތަކުގެ އަސާސީ މުސާރަ %25 އާއި %50 އާއި ހަމައަށް ކުޑަކުރުމަށްވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ. ނަމަވެސް މުވައްޒަފުންނަށްދޭ އިތުރު އިނާޔަތްތަކަށް ބަދަލެއް ނުގެންނާނެ ކަމަށް އެމިރޭޓްސްއިން ހާމަކުރެއެވެ.
ޔުނައިޓަޑު އަރަބް އެމިރޭޓްސްގެ އެއަރލައިންނެއް ކަމަށްވާ އެމިރޭޓްސްއިން އަންނަނީ ރާއްޖެއާއި ދުބާއީއާ ދެމެދު އަދި ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ދަތުރުތައް ކުރަމުންނެވެ. އަދި މި ދަތުރުތަކުން ދުނިޔޭގެ 150 ވުރެ ގިނަ ޤައުމަކާއި ރާއްޖެއާ ގުޅުވައިދެއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖެއިންވެސް ވަނީ ދުނިޔޭގެ 11 ޤައުމަކުން ފަތުރުވެރިން އައުން ވަނީ ވަގުތީގޮތުން މަނާކޮށްފައެވެ.