ޚަބަރު

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކެއް އަތުލައިގެންފި


ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކެއް އަތުލައިގަނެ 11 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތުދެއްވިގޮތުގައި މިމީހުން އަތުލައިގަތީ މިމަހުގެ 20ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މ.ބޮއިލިންގފިޝް، އަޙްމަދު ވިސާމާއި އިތުރު ބަޔަކު ގުޅިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭތީ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

މިމައްސަލާގައި ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ބަލައިދިޔަ ކަމަށް ތުހުމަތުކުރެވޭ އިރުއަލިމަސް ނަމަކަށްކިޔާ ދޯނި ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި މިމައްސަލަ އާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ޖުމުލަ 4 ގެއެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މިއޮޕަރޭޝަނުގައި މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ގިނައަދަދެއްގެ ފައިސާ
ފުލުހުންވަނީ އަތުލައިގެންފައިކަމަށްވެސް އެފަރާތުން މަޢުލޫމާތުދެއްވައެވެ.

ފުލުހުން މަޢުލޫމާތުދެއްވާގޮތުގައި މިމަހުގެ 26ވަނަ ދުވަހު ހައްޔަރުކުރި މި 11 މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް އިތުރުކޮށްދެއްވާ ފައިވެއެވެ. މި 11 މީހުންގެ ތެރެއިން 7 މީހުންނަކީ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރުކުރި މީހުންނެވެ. އަނެއް 4 މީހުންނަކީ މާލެއިންނާއި ހުޅުމާލެއިން ހައްޔަރުކުރި މީހުންނެވެ.

ފުލުހުން މަޢުލޫމާތުދެއްވާގޮތުގައި މިމައްސަލާގައި ފެނުނު މަސްތުވާތަކެތީގެތެރޭގައި 61 ކިލޯއަށްވުރެ ގިނަ ޑައަމޯފިން ނުވަތަ ހެރޮއިންކަމަށް ޝައްކުކުރެވޭ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި މިމައްސަލާގައި ގިނައަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.