ޚަބަރު

ފުދުންތެރިކަން ހުންނަ މީހާ ދައުލަތަށް އެއްޗެއްދޭންވީ ވަގުތަކީ މިއީ - އިވާ


އިޤްތިޞާދީގޮތުން ރާއްޖެއަށް ދަތިކަން ކުރިމަތިވެފައިވާ މިދަނޑިވަޅަކީ ފުދުންތެރިކަންހުރި މީހުން ދައުލަތަށް އެއްޗެއް ދިއްކޮށްލަންވީ ވަގުތުކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރުދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އީވާ ވިދާޅުވީ އިޤްތިޞާދީގޮތުން މުޅި ދުނިޔެ މިދަނީ ބޮޑު އަދަވަޅަކާ ދިމާއަށްކަމަށެވެ. މި އަދަވަޅުން އަރައިގަތުމަށް މުޅި ދުނިޔެއިން ކުރާ މަސައްކަތުގައި ރާއްޖެއިން ކުރަންޖެހޭ މަސައްކަތް އިތުރުވާނެކަމަށް އީވާ ވިދާޅުވިއެވެ. އިޤްތިޞާދީ ގޮތުން ރައްޖެއަކީ ފުއްދުންތެރިކަން މަދު ޤައުމަކަށްވާއިރު މިދަނޑިވަޅަކީ މިކަމާމެދުވެސް ވިސްނަންޖެހޭ ވަގުތެއްކަމަށެވެ.

މިދަނޑިވަޅުގައި ބައެއް މީހުން އިންކަމް ޓެކްސްއާގުޅޭގޮތުން ދައްކަވާ ވާހަތަކާ ގުޅިގެން އީވާ ވިދާޅުވީ މިވަގުތަކީ އިންކަމް ޓެކްސް ނަގަންވީ ވަގުތުކަމަށް ގަބޫލޫކުރައްވާކަމަށެވެ. މިވަގުތުގައި 60،000 ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ބޭފުޅުން ދައުލަތަށް ކޮންމެވެސް ވަރެއްގެ އެއްޗެއް ދޭންވީ ވަގުތަކީ މިއީކަމަށް އީވާ ވިދާޅުވިއެވެ.

ރާއްޖޭގައި ޒަމާނުއްސުރެ އިޤްތިޞާދު ކުރިއެރުވުމަށް ކުރެއްވި މަސައްކަތްތަކަށް އަލުން ދިއުމުގެ ވިސްނުމަކީ މިދަނޑިވަޅުގައި ކުރަންޖެހޭ ކަމެއްކަމަށް މަޖިލިސް ނައިބް ރައީސް ވިދާޅުވި. އަދި މަސްވެރިކަމައި ފަތުރުވެރިކަން ކުރިއެރުވުމަށް އާގޮތްތަކާއި ކަންތައްތައް އިޖާދުކޮށް، ދިރާސަތައް ހަދްނަވީ ވަގުތަކީވެސް މިއީކަމަށް އީވާ ވިދާޅުވިއެވެ.

ރާއްޖެ އިޤްތިޞާދީގޮތުން ބޮޑު ވަޅުގަނޑަކަށް ވެއްޓިގެންދާ މިދަނޑިވަޅުގައި ސަރުކަރުން ފޯރޮށްދެއްވާ އެހީތެރިކަމަކީވެސް އެއިން އާމްދަނީ ނެރެވޭނެ ގޮތަކަށް ދެވޭ އެހީތެރިކަމަށް ވެއްޖެނަމަ އެކަމުގެ ހެޔޮ ނަތީޖާ މުޅި ރާއްޖެއަށް ކުރާނެކަމަށް އީވާ ވިދާޅުވިއެވެ.