ކޯވިޑް-19އާ ގުޅިގެން މިހާރު ޢިއުލާންކުރައްވާފައިވާ ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއެކު ޢާއްމު ރައްޔިތުން ބޭރުގައި އުޅުން މަނާކުރައްވާފައިވާ ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅޭ މީހުންނާމެދު ފިޔަވަޅު އަޅުއްވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދޅުވެއްޖެއެވެ.
އެވަގުތުތަކުގައި އެންގުމާ ޚިލާފުވާ ފަރާތްތަކަށް ނަސޭހަތްތެރިވާނެކަމަށާ، އެކަން ތަކުރާރު ވާނަމަ 1000 ރުފިޔާއިން ޖޫރިމާނާ ކުރާނެކަމަށް ފުލުހުން ވިދާޅުވެފައެވެ. ކޯވިޑް-19އިން ރައްކާތެރިވުމަށްތަކައި ސަރުކާރުން އަޅުއްވަމުން އަންނަ ފިޔަވަޅުތައް ވަރުގަދަކޮށް މާދަމާ މެންދުރު 12:00އިން ފެށިގެން މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދު ފަހަރު ދުއްވުންވަނީ ވަކި ވަގުތުތަކަކަށް މަނާކުރައްވާފައެވެ.
ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ޤާނޫނީ ބާރުގެ ދަށުން މާދަމާ މެންދުރު 12:00އިން ފެށިގެން ވަކިގޮތެއް އަންގަވަންދެން އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެއުޅުން ހުއްޓުވުމަށްވެސް ވަނީ އަންގަވާފައެވެ.
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލަުވުމުގައި ވާހަކަފުޅުދައްކަވަމުން ފުލުހުންގެ ފަރާތުން، ސްޕްރިންޓެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވަނީ މި ފިަޔަވަޅުތަކުގެ ވަގުތުތަކުގައި އިސްތިސްނާ ވެފައިވާ އޮފީސްތަކުގެ މުވައްޒަފުންވެސް ބޭރަށް ނުކުމެ އުޅޭއިރު އެއޮފީހެއްގެ ޔުނިފޯމުގައި އުޅުމަށް އިލްތިމާސްކުރައްވާފައެވެ.
މިފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހާ އިދާރާތަކަށާއި
ފަރާތްތަކަށް އެޗްޕީއޭއިންވަނީ އަންގަވާފައެވެ. އަދި، މިއެންގެވުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހާ ފަރާތްތަކަށް އެޗްޕީއޭއިންވަނީ އަންގަވާފައެވެ.