ވިޔަފާރި

ކޯވިޑް-19 : ލަންކާ އާއި ކޮޗިންގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަނުން ޚާއްޞަ ދަތުރުތަކެއް ފަށަނީ


ސްރީ ލަންކާ އާއި އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތައް ރާއްޖެ ގެނައުމަށްޓަކައި މޯލްޑިވިއަނުން ޚާއްސަ ދަތުރުތަކެއް ކުރަން ނިންމައިފިއެވެ.

މޯލްޑިވިއަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މާދަމާ ސްރީ ލަންކާއަށް ދެ ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހޯމަ ދުވަހު އިންޑިއާގެ ކޮޗިންއަށް ވެސް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މޯލްޑިވިއަންގެ ފްލައިޓުތަކުގައި ރާއްޖެއަށް އަންނަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ނަން ނޯޓު ކުރުމުގެ ފުރުޞަތު އެއެއަރލައިނުން ވަނީ ހުޅުވާލާފައެވެ.

ސްރީ ލަންކާގެ ކޮލޮމްބޯއަށް ދަތުރުކުރުމަށް މޯލްޑިވިއަނުން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 50 ގޮނޑީގެ މަތިންދާ ބޯޓެކެވެ. އަދި އިންޑިއާގެ ޗެންނާއީއަށް ދަތުރުކުރުމަށް ބޭނުންކުރާނީ 200 ގޮޑީގެ މަތިންދާ ބޯޓެއް ކަމަށްވެސް އެއަރލައިނުން ހާމަކުރެއެވެ.

ކުރިއަށް އޮތްތަނުގައި އެހެން ޤައުމުތަކުން ނުވަތަ މި ޤައުމުތަކުގެ އެކި ހިސާބުތަކުން ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިން ރާއްޖެ ގެނައުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އައިލެން އޭވިއޭޝަނުން ވަނީ ބުނެފައެވެ.