ހަލުވިކަމާއި އެކު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް -19 ޖެހިގެން މަރުވި މީހުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް އަރައިފިއެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު ލައްކައަކަށް އެރިއިރު މިއަދަކީ މި ބަލީގެ ފުރަތަމަ މީހާ ފެނުނުތާ 100 ދުވަސްވެސް ހަމަވި ދުވަހެވެ.
ކޯވިޑް ބަލީގައި އެންމެ ފުރަތަމަ މީހަކު މަރުވެފައިވަނީ ޖެނުއަރީ މަހުގެ 9 ވަނަދުވަހު މި ބަލި އުފަންވި ޗައިނާގެ ވޫހާން ސިޓީންނެވެ. އޭގެފަހުން މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އައިސް މިބަލީގައި މަރުވި މީހުންގެ އަދަދު ބައި ލައްކަ ނުވަތަ 50،000 އެރީ 83 ދުވަހުގެ ތެރޭގައެވެ. އެހެންނަމަވެސް މި އަދަދު ދެ ގުނަވެ މަރުވި މީހުންގެ އަދަދު ލައްކައަކަށް އަރަން ނެގީ އެންމެ 8 ދުވަހެވެ.
ކޯވިޑްގެ ބަލީގައި މަރުވާ މީހުންގެ ނިސްބަތް ހުރީ ދުވާލަކަށް 6 އިންސައްތަ އާއި 10 އިންސައްތަ އާއި ދޭތެރޭގައެވެ. އަދި މިބަލީގައި މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް 7000 މީހުނަނަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.
މިރެޔާ ހަމަޔަށް މިބަލީގައި މަރުވި މީހުންގެ ޢަދަދު 100،260 އަށްވުރެ މައްޗަށް އަރާފައިވާއިރު، އަދިވެސް ސީރިއަސް ޙާލުގައި 49،000 އަށްވުރެ ގިނަ މީހުން މިހާރުވެސް ދަނީ ފަރުވާ ހޯދަމުންނެވެ.
ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު މިހާތަނަށް 1،647،000 އަށް ވުރެ އިތުރުވެފައި ވާއިރު މިބަލި ޖެހުނު 369،000 އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މިއީ ކޯވިޑް-19 ޖެހިގެން މަރުވި މީހުންނާއި އަޅާބަލާއިރު ތިން ގުނަ އިތުރު ޢަދަދެކެވެ.
ކޯވިޑް-19 ޖެހިގެން މިވަގުތު ފަރުވާދެމުން ދަނީ 1،178،000 އެއްހާ މީހުންނަށެވެ. މި މީހުންގެ ތެރެއިން ކޯވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުކަމަށް ދައްކަނީ އެމެރިކާގައެވެ.
ބަލި ކޮންޓްރޯލް ނުވެ އެންމެ ހަލުވި މިނެއްގައި މިހާރު ބަލި ފެތުރެމުންދާ ޤައުމަކީ ވެސް އެމެރިކާއެވެ. އެމެރިކާގައި 478،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު 17،900 އަށް ވުރެ ގިނަ މީހުން ކޯވިޑް-19 ޖެހިގެން މަރުވެފައިވެއެވެ. މިފާއިތުވި 24 ގަޑިއިރުގެ ތޭރޭވެސް އެމެރިކާއިން 1228 މީހުން ވަނީ މަރުވެފައެވެ.
ޔޫރަޕްގެ ޤައުމުތަކަށް ބަލާއިރު ސްޕެއިންގައި ކޯވިޑް-19 އަދިވެސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ސްޕެއިންއިން މިހާތަނަށް 157،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު 15،900 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. ސްޕެއިންގެ އިތުރުން ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނެއެވެ.
އިޓަލީ ވިލާތުން 147،000 އަށް ވުރެ އިތުރުވެފައެވެ. އިޓަލީން މިހާތަނަށް ކޯވިޑް-19 ޖެހިގެން 18،800 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
މި ދެ ޤައުމުގެ އިތުރުން ޖަރުމަނާއި އަދި ފްރާންސްއިން ވެސް ގިނަ ބަޔަކަށް މި ބަލި ޖެހި ގިނަ ބަޔަކު މިބަލީގައި މަރުވެ ގޮސްފައިވެއެވެ.
އިނގިރޭސިވިލާތަކީ ވެސް ކޮންޓްރޯލްނުވެ ބަލި ފެތުރެމުންދާ ޤައުމެކެވެ. މި ޤައުމުން 70،000 އަށް ވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު މި ބަލީގައި 9000 އެއްހާ މީހުން ވަނީ މަރުވެފައެވެ. މިގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭ އެކަނިވެސް އިނގިރޭސިވިލާތުން 980 މީހުން ވަނީ މަރުވެފައެވެ.
ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އެންމެ އަވަސް ފިޔަވަޅުތައް އެޅި ޤައުމަކީ މި ވައިރަސް ފުރަތަމަ ފެނުނު ޗައިނާއެވެ.
ޗައިނާއިން ވަނީ ބަލި ފެތުރުން އެއްކޮށް ކޮންޓްރޯލްކޮށް މި ވައިރަސް އެންމެ ފުރަތަމަ ފެތުރުނު ވޫހާން ސިޓީ ވެސް މިހާރު ފުރަބަންދުން ދޫކޮށްލާފައެވެ.
ޗައިނާގައި މިހާރު ފަރުވާދެމުން ދަނީ އެޤައުމުގައި ބަލި ޖެހިފައިތިބި އެހެނިހެން ޤައުމުތަކުގެ މީހުންނަށެވެ.
ކޯވިޑް-19 ފެތުރުނަނުދީ މި ބަލި ކޮންޓްރޯލްކުރުމަށް އެކި ޤައުމުތަކުން ދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ. މި ބައްޔަށް މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާއިރު ސިއްޚީ މާހިރުން ދަނީ މި ބައްޔަށް ވެކްސިން އުފެއްދުމުގައިވެސް އަވަދިނެތި މަސައްކަތް ކުރަމުންނެވެ.