ޚަބަރު

ރޯދަމަހުގެ ޢިނާޔަތް މިމަހުގެ 20ވަނަ ދުވަހުގެ ކުރިން ދޭންޖެހޭ


މިއަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތްދޭންޖެހޭ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ ވިހި ވަނަ ދުވަސް ކަމަށް ހާމަކުރައްވައި އެދުވަހުގެ ކުރިން އެޢިނާޔަތް ދިނުމުގައި ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާނެ ގޮތްތަކެއް ފިނޭންސް މިނިސްޓްރީން ޢާންމުކުރައްވައިފިއެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ ދިނުމުގައި ދައުލަތުގެ އިދާރާތަކުން ޢަމަލުކުރުމަށް ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެމަތީން ޢަމަލުކުރަންޖެހޭ ގޮތްތަކެއް މި އުސޫލުގައިވަނީ ބަޔާންކުރައްވާފައި. ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތުގެމަތީން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ތިން ހާސް ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޢަނާޔަތުގެ ފައިސާ ދޭއިރު ހަމައެކަނި އެމުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން ޢިނާޔަތުގެ ފައިސާ ދިނުމަށާއި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނަށްވަނީ ކަނޑައަޅާފައެވެ.

އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒިފަކު ރަމަޟާން މަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ ވަކި ދުވަހަކާއި ހަމަޔަށްވާ ފައިސާ ފިޔަވައި އިތުރުފައިސާ އެމުވައްޒަފެއްގެ އަތުން ހޯއްދައި އެފައިސާ އަނބުރާ ޖަމާކުރަން ޖެހޭނެކަމަށްވެސް މިބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި މީލާދީ ކަލަންޑަރުން ދައްކަނީ މިމަހުގެ ސައުވީސްވަނަ ދުވަހެވެ.