ޚަބަރު

ކޯވިޑް-19 : ބަންދުކުރި މުއްދަތުގައި ވަޒީފާއަށް ނެރުނު މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނެ


ކޯވިޑް 19 އާއި ގުޅިގެން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ސަރުކާރުގެ އޮފީސްތަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތް ދިނުމަށް ވަޒީފާއަށާއި، އިތުރުގަޑީގައި ނެރުނު މުވައްޒަފުންނަށް އެފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީން ވުޒާރާތަކަށް އަންގަވައިފިއެވެ.

ކޯވިޑް 19 އާއި ގުޅިގެން މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާ ހަމަޖެއްސުމަށް ނިންމާފައިވާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އޮފީސްތައް ނުހުޅުވާ ހުންނަ މުއްދަތުގެ ތެރޭގައި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ޚިދުމަތްތައް ދިނުމަށް މަސައްކަތަށް ނެރުއްވާ މުވައްޒަފުނާއި، "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު"ގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުއްވުމަށްޓަކައި، ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރުއްވާ މުވައްޒަފުންގެ އިތުރުން ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން މަސައްކަތްކުރުމަށް އޮފީހަށް ނެރުއްވާ މުވައްޒަފުން ކަމުގައި ފިނޭސް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19 އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުލަތުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، އެ މުއްދަތުގައި މުވައްޒަފުންނަށް އިތުރުގަޑީ އެލަވަންސާއި ބަންދު ދުވަސްތަކުގެ އިނާޔަތް ދިނުމުގައި ދައުލަތުގެ އެންމެހާ އޮފީސްތަކުން އަމަލުކުރާނެ ގޮތްތަކެއް ފިނޭންސް މިނިސްޓްރީން ވަނީ އާންމު ކުރައްވާފައެވެ.

އެގޮތުން ޞިއްޙީ ޚާއްޞަ ހާލަތަކާ ގުޅިގެން، ކޯވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި ނުހިމެނޭ ދުވަސްތަކެއް ކަމުގައި ވަނީ ބަޔާންކުރައްވާފައެވެ. އެހެންކަމުން އިތުރުގަޑީގެ ފައިސާ ދިނުމުގައި ބަންދު ދުވަސްތައް ކަމަށް ބަލާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޤައުމީ ބަންދު ދުވަސްތަކާއި ސަރުކާރުގެ ބަންދު ދުވަސްތައް ކަމުގައި ފިނޭސް މިނިސްޓްރީން ވަނީ ކަނޑައަޅުއްވާފައެވެ.

ކޯވިޑް-19 އާ ގުޅިގެން މުޅި ދުނިޔެއަށް ދިމާވެފައި މިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް މީގެ ނޭދެވޭ އަސަރު ކޮށްފައި މިވާ ދަނޑިވަޅުގައި، ދައުލަތުގެ އޮފީސްތަކުގެ މަސައްކަތްތައް ރާވައި، މުވައްޒަފުންނަށް އެ މަސައްކަތްތައް ހަވާލުކުރަންވާނީ އިތުރު ގަޑީގައި މަސައްކަތްކުރަން ނުޖެހޭނެ ގޮތެއްގެ މަތީންކަމުގައި ފިނޭންސް މިނިސްޓްރީން ވަނީ އަންގަވާފައެވެ. އަދި ދައުލަތުގެ ޚަރަދުތައް ވީހާވެސް ކުޑަވާނޭގޮތަކަށް އެ އޮފީހެއްގެ މަސައްކަތްތައް ރާވާ ހިންގެވުމަށްވެސް ސަރުކާރުގެ މުވައްސަސާތަކަށް ވަނީ އަންގަވާފައެވެ.