ޚަބަރު

ކޯވިޑް-19 : ދޮގު މަޢުލޫމާތު ފަތުރާ މީހުންގެ މައްޗަށް ޖިނާޢި ފިޔަވަޅު އަޅާނަން - ސީޕީ ހަމީދު


ކޯވިޑް-19އާ ގުޅިގެން އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ދޮގު މަޢުލޫމާތު ފަތުރާ މީހުންނަށް ޖިނާޢީ ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްވައިފިއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންނާއި ގުޅުވައިގެން ޞައްޙަ ނޫން ފޮޓޯތަކާއި ވާހަކަތައް ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ދައުރުކުރުން ވަނީ އިތުރުވެފައެވެ. އަދި ސިއްޙީ ޚިދުމަތްތެރިންނަށް ފުރައްސާރަކޮށް ޑޮކްޓަރުންނާއި ނަރުހުންނާއި ގުޅޭގޮތުންވެސް ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަޢުލޫމާތު ފެތުރުން ވަނީ އިތުރުވެފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މި ބަލިމަޑުކަމުގެ ދަނޑިވަޅުގައި ދޮގު ވާހަކަދައްކާ، ދޮގު މަޢުލޫމާތު ހާމަކޮށް ޢާންމުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދޭގޮތަށް މަޢޫލޫމާތު ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތަށް ދޮގު މަޢުލޫމާތު ފަތުރާ އަދި ފުރައްސާރަކުރާ މީހުންނާއި ދެކޮޅަށް ޖިނާޢީ ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ސީޕީ ވަނީ ދެއްވާފައެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައިވެސް ސޯޝަލް މީޑިއާގައި ދައުރުވާ ޚަބަރުތަކާއި ގުޅިގެން ބައެއް ނޫސްވެރިން ސުވާލުކުރަމުން އެކަން ނުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެފަދަ ސުވާލުތަކަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދެއްވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.