ޚަބަރު

ކޯވިޑް-19 : ޤައުމު ސަލާމަތްކުރުމަށް ސިފައިން ކުރަމުންދަނީ ރަން އަކުރުން ފަވާލެވޭފަދަ ޚިދުމަތްތަކެއް


ކޯވިޑް-19 ފެތުރުނަ ނުދީ އެ ނުރައްކާތެރިބަލިން ދިވެހި ޤައުމު ސަލާމަތްކުރުމަށް ދިވެހި ސިފައި ކުރަމުންދާ މަސައްކަތަކީ ރަން އަކުރުން ފަވާލެވޭ ޚިދުމަތްތަކެއް ކަމަށް ޑިފެންސް މިނިސްޓަރ އަލް އުސްތާޒާ މާރިއާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ 128 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ދެއްވި މެސެޖުގައި މިނިސްޓަރ ވިދާޅުވީ ކޯވިޑް-19އިން ޤައުމު ރައްކާތެރި ކުރުމަށް ކުރަމުންދާ މަސައްކަތުގައި ރެއާއި ދުވާލު ވަރުބަލިކަމެއްނެތި ޙަރަކާތްތެރިވަމުންދާ ސިފައިންގެ ޚިދުމަތް ރަންއަކުރުން ފަވާލާ ކަމަށެވެ. އަދި ދިވެހި ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި ފަސްނުޖެހި ދިވެހި ސިފައިން ކުރަމުންދާ ބުރަ މަސައްކަތް ދިވެހި ރައްޔިތުން ހެޔޮހިތުން ބަލައިގަންނަކަމަށެވެ.

ދިވެހި ސިފައިންގެ 128 ވަނަ އަހަރީ ދުވަހާ ގުޅިގެން ދެއްވި މެސެޖުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ކޯވިޑް-19އިން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ދިވެހި ސިފައިން ވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ސިފައިންގެ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުން މިދަނީ ވަރަށް ހިތާމަވެރި ވަގުތެއްގައި ކަމަށެވެ. އަދި މި ދަނޑިވަޅުގައި ދިވެހި ސިފައިން ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވަމުންކަން ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ އާއިލާ ތަކާއި ދުރުގައި ޤައުމާއި ރައްޔިތުންނަށްޓަކައި ސިފައިން ކުރަމުންދަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކަމަށެވެ. އެމަނިކުފާނު ވަނީ ކޯވިޑް-19އިން ރައްޔިތުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި އެންމެ ނުރައްކާބޮޑު ނުވަތަ ރިސްކު ބޮޑު މަސައްކަތްތަކުގައިވެސް ސިފައިން ޙަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ މިދިޔަ އަހަރު ސިފައިންގެ ޚިދުމަތުގައި ކާމިޔާބީތަކެއް ހޯދުނުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އައު އިސްތިރާޖީ އަމާޒެއްގެ އަލީގައި ސިފައިންގެ ހިންގުމަށްވެސް ހަރުދަނާ ބަދަލުތަކެއް ގެނެވުނުކަން ޗީފް އޮފް ޑިފެންސް ފޯސް ވަނީ ފާހަގަކުރައްވާފައެވެ.

ސިފައިންގެ ޚިދުމަތް ދިވެހިރާއްޖޭގައި ފަށާފައިވަނީ މީލާދީން 1892ވަނަ އަހަރުގެ އޭޕްރިލް ވަނަ އަހަރުގެ 21ވަނަ ދުވަހުއެވެ. މި ވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ޤައުމަށް ދިމާވި ކޮންމެ ކަމެއްގައި އެންމެ ކުރީސަފުގައި ދިވެހި ޤައުމާއި ރައްޔިތުންގެ ހައްޤުގައި ސިފައިން ވަނީ ބޮޑެތި ޤުރުބާނީތަކެއް ވެފައެވެ. މިއަދު ކޯވިޑް-19ގެ ނުރައްކަލުން ޤައުމު ސަލާމަތްކުރުމަށް ސިއްޙީ ޚިދުމަތްތެރިން ކުރައްވަމުންގެންދަވާ މަސައްކަތުގައިވެސް އެފަރާތްތަކާއެކު އެންމެ ކުރީ ސަފުގައި ދިވެހި ސިފައިން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ދަނޑިވަޅުގައި ދިވެހި އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

މިއަހަރުގެ ސިފައިންގެ ދުވަސް މިއައީ ކޯވިޑް-19އާއި މުޅި ދުނިޔެ ކުރަމުންދާ ހަނގުރާމައިގައި ދިވެހި ސިފައިން ރެއާއި ދުވާލު ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ދިވެހި ސިފައިން ވަރުބަލިކަމެއް ނެތި މިއަދުވެސް ދައްކަމުންދަނީ މީގެ ކުރިން ދިވެހި ޤައުމަށް ދިމާވި ކޮންމެ ކަމެއްގައި ސިފައިން ދައްކަމުންދިޔަ ފުރިހަމަ ނަމޫނާއެވެ. އެންމެ ފަހު މީހާއާ ޖެހެންދެން ދީނާއި ޤައުމާއި ރައްޔިތުންނަށްޓަކައި ފަސްނުޖެހި ޤުރުބާންވަމުންދާ ތަނެވެ.