ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވި 80 އަހަރުގެ މީހަކު ދަރުމަވަންތައަށް ބަދަލުކޮށްފި


މިއަދު މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ޢުމުރުން ދުވަސްވީ މީހަކު އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ. އެޗްޕީއޭއިން ވިދާޅުވީ، މިއަދު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ކޭސް ނަންބަރު 81 ކަމަށެވެ. އޭނާ ދަރުމަވަންތަ ހޮސްޕިޓަލްގެ (ޑީއެޗް11) އަށް ބަދަލުކޮށްފައިވަނީ އޭނާގެ ހާލަތު ގާތުން ބަލާ މޮނިޓަރކުރުމަށްކަމަށް އެޗްޕީއޭއިން ހާމަކުަރއްވައެވެ.

ކޯވިޑް-19 އަށް މިއަދު ހެނދުނު ވަނީ 13 މީހަކު ޕޮޒިޓިވްވެފައެވެ. އެއީ ބަނގްލަދޭޝްގެ ފަސް މީހުންނާއި، ދިވެހި 8 މީހުންނެވެ. މީގެ އިތުރުން ރޭވެސް ވަނީ ދިވެއްސަކާއި ބަނގްލަދޭޝްމީހެއް ބައްޔަށް ޕޮޒިޓިވްވެފައެވެ.

މީގެ ކުރިންވެސް ރާއްޖެއިން ޕޮޒިޓިވްވި އިޓަލީވިލާތުގެ ދެ މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދީ އެމީހުން ރަނގަޅުވެފައިވެއެވެ. މިއަދު ދަރުމަވަންތަ ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ބަދަލުކުރިމީހާގެ ހާލު ސީރިއަސްކަމެއް ނުވަތަ ނޫންކަމެއް އެޗްޕީއޭއިން އަދި ހާމައެއްނުކުރައްވައެވެ.