ޚަބަރު

ކޯވިޑް-19 : 80 އަހަރުގެ މީހާގެ ޙާލު ގޯސް، ބަލި އޮތީ ކަންބޮޑުވާ މިންވަރެއްގަ - ޑރ. މޫސާ ޙުސައިން


ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރި ޢުމުރުން 80އަހަރުގެ މީހާގެ ޙާލު ދެރަކަމަށާ، އޭނާގެ ޙާލަތު އިތުރަށް ގޯސްވެދާނެ ފުރުސަތު ބޮޑުކަމަށް ވިދާޅުވެ ޑރ.މޫސާ ޙުސައިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި މަޢުލޫމާތުދެއްވަމުން ޓެގް ޓީމްގައި ހިމެނިވަޑައިގަންނަވާ ނޭވާލާ ނިޒާމުގެ ބަލިތަކާބެހޭ ޚާއްސަ ޑޮކްޓަރު ޑރ.މޫސާ ޙުސައިން ވިދާޅުވީ، ކޯވިޑް-19ގައި ރާއްޖެއިން ދެކެން ބޭނުން ނުވި ދުވަސް މިއަދު މިއޮތީ ކުރިމަތިވެފައިކަމަށެވެ.

އެގޮތުން މިއަދު ކޭސް ނަންބަރު 81ގެ ގޮތުގައި ރެކޯޑްކުރެވިފައިވާ ޢުމުރުން 80 އަހަރުގެ މީހާ އަކީވަރަށް ގިނަ ބަލިތައް ތަހަމައްމަލުކުރަމުންދާ މީހެއްކަން ޑރ.މޫސާ ޙުސައިން ފާހަގަކުރެއްވިއެވެ. ޑޮކްޓަރ ވިދާޅުވިގޮތުގައި އޭނާއަކީ ސްޓްރޯކެއްޖެހި 2 އަހަރުދުވަސް ވަންދެން އެނދުގައި އޮތް މީހެއްކަމަށާ، އޭނާ ތަހައްމަލުކުރަމުންދާ ބަލިތަކުގެ ތެރޭގައި ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުމާއި، ކޮލެސްޓްރޯލް މައްޗަށް ދިއުން ހިމެނެއެވެ. އަދި ކާއެއްޗެހިދާ ހޮޅީގެ މައްސަލަތަކެއް ދިމާވެ އެތައް ފަހަރަކު ނިއުމޯނިއާ ވެސް އޭނާއަށް ޖެހިފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވިގޮތުގައި މިފަދަ އެތައް ބައްޔެއް ތަހައްމަލުކުރަމުންދާ މީހުންނަކީ ދިފާއީ ބާރު ވަރަށް ދަށް ބައެކެވެ. ޢުމުރުން ދުވަސްވީ މިފަދަ ބަލިމީހަކަށް ކޯވިޑް-19ޖެހުމުން ދޭހަވަނީ ރާއްޖޭގެ ޢާންމުންގެ ތެރެއަށް ބަލި ފެތުރިފައިވާ މިންވަރުކަމަށް ވިދާޅުވެ ޑޮކްޓަރ މޫސާ ޙުސައިންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"މިއިން ދޭހަވަނީ މާހައުލުގައި ފުދޭވަރަކަށް ބަލި ފެތުރިފައޭމިވަނީ،. ދުވަސްވީމީހުން އެއްވެސް އަލާމާތެއް އައިސް ކެއްސާ، ރޯގާޖެހި، ހުންއައިސް ނޭވާކުރުވެ މެއަށް ތަދުވާނަމަ އެޗްޕީއޭއަށް ވީހާވެސް އަވަހަށް އަންގަންވާ. މިފަދަ މީހުންނަށް ކެއަރކުރާ މީހުންވެސް ބޮޑަށް ޕްރޮޓެކްޓިވްވާންޖެހޭ. މިފަދަ މީހުންނަކީ ދިފާޢީ ބާރު ދަށް މީހުންވީމަ، ކެއާކުރާމީހުން މާސްކު އަޅާއިގެން ފޮތި ނުވަތަ ސާޖިކަލް މާސްއަޅައިގެން، އަތްދޮވެ ސޯޝަލް ޑިސްޓެންސް ބަހައްޓާ ވީހާވެސް ބޮޑަށް ގިނަ މީހުން ބައްދަލުނުކުރެވޭގޮތަށް ހަދަންޖެހޭ." ޑޮކްޓަރ މޫސާ ޙުސައިން ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 83އަށްވަނީ އަރާފައެވެ. މިއީ މުޖުތަމަޢުގައި މިބަލި ވަރަށްބޮޑަށް ފެތުރެމުންދާކަމުގެ ނިޝަނެއްކަމަށް ޑޮކްޓަރުން ދަނީ ވިދާޅުވަމުންނެވެ. އަދި ދިފާޢީ ބާރުދަށް މީހުން ބަލަހައްޓާ މީހުން ޚާއްޞާ ސަމާލުކަމެއް ދެއްވުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވައެވެ.