ޚަބަރު

ކޯވިޑް-19 : ނަތީޖާ ކަށަވަރުނުވާ 2 މީހުން އެބަތިބި، ޢަމަލުކުރާނީ ޕޮޒިޓިވް މީހުންނެކޭ އެއްގޮތަށް - މަބްރޫކް


ކޯވިޑް-19އަށް ޝަކުކުރެވި، އެހެންނަމަވެސް ނަތީޖާ ކަށަވަރުނުވާ ދެމީހަކު އެބަހުރިކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓާރުން ހާމަކުރައްވައިފިއެވެ. އެސެންޓަރުން ބާއްވަމުން އަންނަ ސިލްސިލާ ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މުޙައްމަދު މަބްރޫކް އަޒީޒް ވަނީ، ކޯވިޑް-19އަށް މީހުން ޕޮޒިޓިވްވިކަމަށް ބަލައިގަންނަ 3 ކެޓަގަރީއެއް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާކަން ފާހަގަކުރައްވާފައެވެ.

މަބްރޫކް ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވިކަމަށް ބަލާ އެންމެ ފުރަތަމަ ކެޓަގަރީއަކީ ޝައްކުކުރެވޭ ކޭސްތައް ކަމަށެވެ. އެއީ ބަލިމީހާގެ ރެސްޕިރޭޓަރީ ބައްޔެއް ނުވަތަ ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުންނަ މީހުންކަމަށެވެ. ދެވަނަ ކެޓަގަރީއަކީ "ކޮންފާރމްޑް" ޓެސްޓް ހެދުމަށްފަހު ނުވަތަ ހަދާ ޓެސްޓްތަކުން ޕޮޒިޓިވް ނަތީޖާ ކަށަވަރުވާ ކޭސްތައް ހިމެނޭ ބައިކަމަށެވެ. ރާއްޖޭގައި އެންމެ ފަހަކާ ޖެހެންދެން ފެންނަމުންދިޔައީ މިދެކެޓަގަރީގެ ކޭސްތައްކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޕޮޒިޓިވްވިކަމަށް ނިންމާ ތިންވަނަ ކެޓަގަރީއަކީ "ޕްރޮބަބަލް ކޭސް" ނުވަތަ އެމީހެއްގެ ޓެސްޓް ހެދުމަށްފަހު ނަތީޖާ ކަށަވަރު ނުވާކަހަލަ ނަތީޖާ ނިކުންނަ ކެޓަގަރީކަމަށް މަބްރޫކް ވިދާޅުވިއެވެ. މިފަދަ މީހުންނާމެދުވެސް ޢަމަލުކުރާނީ ޕޮޒިޓިވް މީހުންނާމެދުވެސް ޢަމަލުކުރާ އުސޫލުންކަމަށް މަބްރޫކް ވިދާޅުވިއެވެ. ރާއްޖޭގައި މިފަދަ ދެމީހަކު އެބަތިބިކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް 83 މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު ސީދާ ދިމާވި މީހުން ހޯދުމުގެ މަސައްކަތުގެ ތެރެއިން 1037 ދެނެގަނެވިފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި 190 ތަނެއް މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވާކަަމށާ، މިއަދު އެކަނިވެސް 40 ޢިމާރާތެއް މޮނިޓަރިންއަށް ގެންގޮސްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.