ޚަބަރު

ކޯވިޑް-19 : މާލެއިން އިތުރު ދިވެއްސަކު ޕޮޒިޓިވް ވެއްޖެ


މާލެއިން އިތުރު ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ މާލެއިން އެންމެ ގިނައަދަކަށް މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދު ވެއްޖެއެވެ.

މީގެ އިތުރުކޮޅެއް ކުރިން ޕޮޒިޓިވްވި މީހަކީ ދިވެއްސެއްކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. މިމީހާއަކީ ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި 52 ވަނަ (އުލިގަމުން ޕޮޒިޓީވްވި މީހާ) މީހާއާއި ސީދާ ދިމާވި މީހެކެވެ. ނަމަވެސް 52 ވަނައަށް ޕޮޒިޓިވްވި މީހާއަކީ އަދި މިހާތަނަށް ބަލި ޖެހުނުގޮތް ސާފުވެފައި ނުވާމީހެކެވެ.

މިމީހާއާއިއެކު މިއަދު މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 17 އަރާފައެވެ. އަދި މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 64 އަށް އަރާފައެވެ. ރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވެފައިވަނީ 84 މީހެކެވެ.

މާލެއިން ބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި ގިނަބަޔަކު ވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޑެލިވަރީގެ ޙިދުމަތްތަކާއި، އާންމު އެހެން ޚިދުމަތްތަކުގައިވެސް އުޅޭމީހުން ފެނިފައިވާތީ އެމީހުންނާއި ދިމާވި މީހުން ލަސްނުކޮށް އެޗްޕީއޭއަށް ރިޕޯޓްކުރުމަށް ވަނީ އާންގަވާފައެވެ.