ކޯވިޑް-19

ކޯވިޑް-19 : ކުލި ނުދެއްކިގެން ގެއިން ބޭރުކޮށްފިނަމަ 1412 އަށް ގުޅުއްވާ


ކުލި ނުދެއްކިގެން ގެއިން ބޭރުކޮށްފިނަމަ، ނުވަތަ މާލޭގައި ހުރުމަށް ދަތިކަން ހުރި ފަރާތްތަކުން އެކަން 1412 އަށް ގުޅުއްވާ ރިޕޯޓްކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމާގުޅިގެން، ބައެއް ފަރާތްތަކުގެ މުސާރަ ކުޑަކުރުމާ، ނޯޕޭއަށް ފޮނުވާލުން ނުވަތަ ވަޒީފާއިން ވަކިކުރުންފަދަ ކަންކަމުގެ ސަބަބުން ލިބޭ އާމްދަނީން ކުލި ނުދެއްކިގެން އެކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ. އަދި ކުލި ނުދެއްކިގެން ގެއިން ނެރެމުންދާކަމުގެ ޝަކުވާތައް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް ލިބެމުންދާކަމަށާއި، މި ޙާލަތުގަައި މާލޭގެ ގޭގޭގައި ކުށްޔަށް ދިރިއުޅޭ މީހުންގެތެރެއިން ކުލި ނުދެއްކޭ މީހުން އެމީހުން ދިރިއުޅޭ ތަންތަނުން ނުނެރުމަށް ސަރުކާރުން ގޭގޭގެ ވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިކަމާގުޅިގެން ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، މިފަދަ ޙާލަތްތަކުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާއި ގުޅިގެން ކުރައްވަމުންދާކަމަށެވެ. އަދި މިދަނޑިވަޅުގައި ކުލި ނުދެއްކިގެން ގެއިން ބޭރުކޮށްފިނަމަ އެކަން 1412 އަށް ގުޅުއްވާ ރިޕޯޓް ކުރެއްވުމަށް ޖެންޑަރ މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ. އެ މިނިސްޓްރީން މިހާތަނަށް ވަނީ އެފަދައިން ގެއިން ބޭރުކޮށްލި ދެ ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައެވެ.

މީގެ އިތުރުން މާލެސިޓީ ފުރަބަންދުކުރުމާ ގުޅިގެން އެކި ބޭނުންތަކަށް މާލެ އައިސް، ހާލުގައި ޖެހިފައިވާ ފަރާތްތަކުންވެސް 1412 އަށް ގުޅުއްވާ އެކަން ހިއްސާކުރެއްވުމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެފަދަ ފަރާތްތަކަށްވެސް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދިނުމާއި ކެއިންބުއިމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުންދާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.