ޚަބަރު

ކޯވިޑް-19 : ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މިނިސްޓަރ މާރިޔާ އިލްތިމާސް ކުރައްވައިފި


ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހަކާ ދެކޮޅަށް ކުރަމުންމިދާ ހަނގުރާމައިގައި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން ސިފައިން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭގޮތުން ޕީއެސްއެމް ނިއުސްގެ ލައިވް ކަވަރޭޖަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ މާރިޔާވަނީ މިހާރުގެ ޙާލަތުގެމައްޗަށް އަލިއްޅުއްވާލައްވާފައެވެ.

ކޯވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ޤާއިމްކުރައްވާފައިވާ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތްކުރަމުންދާ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް ބަލަހައްޓަވާ ވަޒީރުގެ ހައިސިއްޔަތުން، މިނިސްޓަރ މާރިޔާ ވަނީ، މިދަނޑިވަޅުގައި، ރައްކާތެރިކަމުގެ ގޮތުން ފަރުދީގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

މިދަނޑިވަޅުގައި ދިވެހި ޤައުމީ ދިފާޢީ ބާރުން ރައްޔިތުންގެ ފުރާނަޔާއި މުދާ ސަލާމަތްކުރުމުގައި ސިފައިން ސާބިތުވެ ދެމިތިބޭނެކަމަށް ވިދާޅުވެފައެވެ. އަދި ކޯވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް، ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ތަންފީޒުކުރަން އެންމެ ކުރީސަފުގައި ސިފައިން ރެއާއި ދުވާލު ޙަރަކާތްތެރިވަނީ އެއްވެސް ޖެހިލުމެއްނެތި، އަދި ސަލާމަތީ އެންމެހާ ފިޔަވަަޅުތައް އަޅައިގެންކަމަށް އެކަމަނާ ވިދާޅުވިއެވެ.