ޚަބަރު

ކޯވިޑް-19 : ސިންގަޕޫރުގެ އެޗްޕީއެލްއިން ގިނަ ޢަދަދެއްގެ ވެންޓިލޭޓަރާއި މާސްކް ރާއްޖެއަށް ހަދިޔާކޮށްފި


ރާއްޖޭގައި ފުޅާދާއިރާއެއްގައި އިންވެސްޓްކުރާ ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް) އިން ރާއްޖެއަށް 15 ވެންޓިލޭޓަރާއި އެއްލައްކަ މާސްކު ހަދިޔާކޮށްފިއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ ސިންގަޕޫރުގެ އެޗްޕީއެލް ކުންފުނިން މި ތަކެތި އެޤައުމުގައި ހުންނަ ދިވެހި އެމްބަސީއާއި މިހާރު ހަވާލުކޮށްފައިވާކަމަށެވެ.

ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް) ކުންފުންޏަކީ ސިންގަޕޫރުގެ ބިލިއަނަރަކު ހިންގާ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފުޅާދާއިރާއެއްގައި އިންވެސްޓް ކުރަމުންނެވެ. އެގޮތުން ފޯސީޒަން ކުޑަހުރާއާއި، ލަނޑާ ގިރާވަރާއި، ގިލި ލަންކަންފުއްޓާއި، ހޮލިޑޭއިން ކަނޑޫމާ ރިސޯޓް އަދި ސިކް ސެންސަސް ލާމު ހިންގަމުން ގެންދަނީ އެ ކުންފުނިންނެވެ.

މީގެ އިތުރުން ސިންގަޕޫރުގެ ޓެމެސެކް ހޯލްޑިންގްސް ކުންފުނިންވެސް ވަނީ ކޯވިޑް-19 އަށް ޓެސްޓްކުރެވޭ ފަސްހާސް ޓެސްޓް ކިޓް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ކޯވިޑް-19 ގެ މި ބަލިމަޑުކަމުގެ ހާލަތުގައު ރާއްޖެއަށް ބޭނުންވާ ސިއްޙީ ވަސީލަތްތައް ހޯދުމަށް ދަނީ ގިނަމަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން އެކި ކުންފުނިތަކާއި ޖަމާއަތްތަކުން ސިއްޙީ ޚިދުމަތްތެރިންނަށް ބޭނުންވާ ޕްރޮޓެކްޓިވް އިކްއިޕްމަންޓްތަކާއި، ޓެސްޓް ކިޓް އަދި ވެންޓިލޭޓަރު ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވެއެވެ.