ޚަބަރު

ކޯވިޑް-19 : ވިލަވަރު ކަރަންޓީނު ފެސިލިޓީއަށް ގެންދިޔަ 80 ބިދޭސީން ދެ ރިސޯޓަކަށް ބަދަލުކޮށްފި


ކަރަންޓީނު ކުރުމަށް ވިލިވަރު ކަރަންޓީނު ފެސިލިޓީއަށް ގެންދިޔަ 80 އެއްހައި ބިދޭސީން އެހެންތަނަކަށް ބަދަލުކޮށްފައިވާކަމަށް ނޭޝަނަލް އެމެރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

އެސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ވިލިވަރު ކަރަންޓީން ފެސިލިޓީއަށް ގެންދިޔަ ބިދޭސީން މިހާރު އިރުފުއްޓަށާއި ކުޑަބަނޑޮހަށް ގެންގޮސްފައިވާކާމަށެވެ. ރާއްޖޭގައި އުޅޭ ބިދޭސީން ބައެއް މީހުންނަށް ޑެލިވަރީއާއި ޓޭކްއަވޭގައިވެސް ވަރަށް ބޮޑަށް ދަތިވަމުން ދާކަން ފަހާގަކޮށް މަބްރޫކް ވިދާޅުވީ މި މީހުންވެސް ބަދަލުކޮށްފައިވަނީ އެފަދަ މީހުން އެހެންތަނަކަށް ބަދަލުކުރުމަށް ނިންމުމާ ގުޅިގެން ކަމަށެވެ.

"ވިލިވަރަކީ ކުރިން ރިސޯޓެއްގެ ގޮތުގައި ބޭނުންކުރަމުން އައި ތަނެއް. ތިބޭފުޅުންނަށް ފެނިފައިވާ ވީޑިއޯ އާއި ފޮޓޯތަކަކީ ކޮންސްޓްރަކްޝަންގައި ބޭނުންކުރަމުން އައި ތަނެއް. އެ މީހުން ވަރަށް އަވަހަށް ގެންދަން ޖެހުނީ. އެހެންވެ، މިހާރު އޭގެ ތެރެއިން ބައެއް މީހުން ވާނީ އެހެން ތަނަކަށް ބަދަލުކޮށްފައި." މަބްރޫކް ވިދާލުވިއެވެ.

މާލެއިން މިހާތަނަށް ބަންގްލަދޭޝްގެ 17 މީހަކާއި އިންޑިއާގެ 6 މީހަކު ވަނީ ކޯވިޑްއަށް ޕޮޒިޓިވްވެފައެވެ. އަދި މުޅިރާއްޖެއިން މިހާތަނަށް 86 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.