ޚަބަރު

ކޯވިޑް-19 : ރޯދަމަހު ދިމާވެދާނެ ދަތިތައް ޙައްލުކުރަން ސޯޝަލް ކައުންސިލުން މަސައްކަތްކުރަނީ


ދިވެހިންނާއި ބިދޭސީންނަށް ރޯދަމަހު ދިމާވެދާނެ ދަތިތަތައް ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސޯޝަލް ކައުންސިލުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ބިދޭސީން ރޯދަމަހު ރޯދަވީއްލަނީ ޢާންމުކޮށް މިސްކިތަތަކުގައިކަމުން މިފަހަރުގެ ރޯދަމަހު، ކޯވިޑް-19ގެ ސަބަބުން އެގޮތަށް އިންތިޒާމް ހަމަޖެހިގެން ނުދާނެތީ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރޯދަމަހު ކާބޯތަކެއްޗަށް އޮންނަ ޑިމާންޑް އިތުރުވާނެތީ ބިދޭސީންނާ އެއްގޮތަށް ދިވެހިންނަށްވެސް ދަތިތަކެއް ހުންނާނެކަމަށެވެ.

އެހެންކަމުން ރޯދަމަހު ދިމާވެދާނެ އެފަދަ ދަތިތަކާ ގުޅޭގޮތުން ސޯޝަލް ކައުންސިލުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ދިވެހިންނާއި ބިދޭސީންނަށް ކާބޯތަކެތި ލިބެމުން އަންނަކަމާއި، ރޯދަވީއްލާށާއި ހާރުކެއުމަށް ބޭނުންވާތަކެތި ލިބޭކަން އެކައުންސިލުން ކަށަވަރުކުރާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އެކަމުގައި ޖެންޑަރ މިނިސްޓްރީން އިސްކޮށް މަސައްކަތްކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުގެ މަޢުލޫމާތާއި، އެފަދަ ތަންތަނުގެ މަޢުލޫމާތު ހޯދައި އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރާއި މޯލްޑިވްސް ރެޑްކްރަސެންޓްގެ ފަރާތުންވެސް ކުރަމުން އަންނަކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އުނދަގޫތަކެއް ހުންނާނެ. ރޯދައަށް ތައްޔާރުވުމުގެ ގޮތުން ސޯޝަލް ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަނީ. ކާބޯތަކެއްޗާއި ރޯދަ ވީއްލަން އަދި ހާރުކާން ބޭނުންވާތަކެތި ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރެވޭ. އެމްއާރުސީގެ ފަރާތުން ރާއްޖޭގައިހުރި ހުރިހާ ލޭބަރ ކުއާޓާއެއް އައިޑެންޓިފައިކުރެވިފައި ކުރުމާއި ކޮންތަންތަނަކަށްތޯ އެހީ ބޭނުންވަނީ ހޯދުނު. އަދި ހޯދޭ މަޢުލޫމަތުގެ އެހީގައި މަސައްކަތްކުރައްވާނެ ޖެންޑަރ މިނިސްޓްރީގެ ފަރާތުން އިސްނަގަނެ ކާބޯތަކެތި ފޯރުކޮށްދޭން." މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ރަނގަޅު ސްޓޮކެއް ހުރިކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކާޑުގެ ބާވަތްތައް ހުރިކަމަށާއި، އަދިވެސް ގިނަ ޢަދަދެއްގެ ކާބޯ ތަކެތި ގެންނަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.