ޚަބަރު

ހުކުރު ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް


މިމަހުގެ 24 ވާ ހުކުރު ދުވަހަކީ 1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ހަނދު ސާބިރުކުރުމަށް މިރޭ ބޭއްވި ބައްދަލުވުމަށްފަހު އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވަނީ އެކަމާއިބެހޭ ގޮތުން ކަނަޑައެޅި ގޮތުގެ ބަޔާން އިއްވަވާފައެވެ. މިބަޔާނުގައި ވަނީ މިއަދު އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ހަނދު ފެނިފައި ނުވާތީއާއި، އިސްލާމީ އެއްވެސް ޤައުމަކަށް ހަނދު ސާބިތުވެފައިވާކަމަށް ފަލަކީ ހިސާބަކުންވެސް ނުދައްކާތީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 24 ވާ ހުކުރު ދުވަސްކަމުގައި ކަނޑައަޅާފައިވާކަމަށެވެ. އަދި މާދަމައަކީ ޝައުބާން މަހުގެ އެންމެ ފަހު ދުވަސްކަމަށެވެ.

މިއަހަރު ރަމަޟާން މަހާއި އިސްލާމީ އުއްމަތް ކުރިމަތިލާއިރު ކޯވިޑް-19ގެ ސަބަބުން މުސްލިމް ގިނަ ޤައުމުތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ވަނީ ހުއްޓާލަން ޖެހިފައެވެ. އެގޮތުން ރާއްޖޭގައިވެސް މި ބަލި ފެތުރެމުންދާތީ ގިނަ ރަށްތަކެއްގައި ޖަމާޢަތުގައި ނަމާދުކުރުން ވަނީ ހުއްޓާލަންޖެހިފައެވެ.

އަދި ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވެ ތިބުމަށް ގެއިން ބޭރަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން އަންގަވާފައިވުމާއެކު ޢާއިލާއާއެކު ގޭގައި ހޭދަކުރާ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ގިނަ ވަގުތު އަޅުކަމާއި ހެޔޮ އަމަލު ކުރުމުގައި ހޭދަކުރުމަށް ދީނީ އިލްމުވެރިން ވަނީ އިރުޝާދު ދެއްވާފައެެވެ.

ރަމަޟާން މަހަކީ ގިނަ ބަޔަކު ދަމުނަމާދާއި ތަރާވީސް ނަމާދާއި އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރާ މަހަކަށްވި ނަމަވެސް، ކޯވިޑް-19ގެ ސަބަބުން ޖަމާއަތުގައި ތަރާވީސް ނަމާދާއި ދަމު ނަމާދު ނުކުރުމަށް ދީނީ ޢިލްމުވެރިން ވަނީ އިރުޝާދު ދެއްވާފައެވެ.

ރޯދަ ހިފުމަކީ ކެތްތެރިކަން އަށަގެންނެވުމަށް ބާރު އަޅާ ޢައްޑަނައެކެވެ. މިމަތިވެރި އަޅުކަން އަޅުގަނޑުމެންނާ ކުރިމަތިލާއިރު، މިހިނދުކޮޅަކީ ކެތްތެރިކަމުގެ މަތިވެރި ނަމޫން ދައްކަން ޖެހިފައިވާ ވަގުތުކޮޅެކެވެ. އަދި މިއީ މާޔޫސްނުވެ، ކެތްތެރިކަން އިސްކުރުން މުހިންމު ވަގުތެކެވެ.

ކޯވިޑް-19ގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑުވެފައިވާއިރު، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިކަމުން މިންޖުވެވެންއޮތް ހުރިހާ ސަބަބުތަކެއްގައި އަޅުގަނޑުމެން ހިފަންޖެހޭނެކަމެވެ. އެހެންކަމުން، ބަރަކާތްތެރި ރަމަޟާން މަހާ އަޅުގަނޑުމެން ކުރިމަތިލާއިރު، ޙާލަތަށް ރިޢާޔަތްކޮށް، ހެޔޮކަންތަކުގައި މަސްޢޫލުވުމަށް އިސްކަންދޭންޖެހެއެވެ. ގިނަ ގިނައިން ތަޢުބާވެ އިސްތިޣްފާރު ކުރާށެވެ. ރޫޙާނީ ހަކަތައިން ނަފްސުތަކަށް ދިރުން ގެންނާށެވެ.