ކަނޑޫދޫން މާލެއަށް ފޮނުވާ މިރުހުގެ އަދަދު މަދުވެ، މާލޭ ބާޒާރުން ދިވެހި ގިތެޔޮ މިރުސް ހުސްވެއްޖެއެވެ.
ކަނޑޫދޫ ކައުންސިލުން ބުނީ އެންމެ ފަހުން މާލެއަށް މިރުސް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ކުރީކޮޅު ކަމަށެވެ. ކަނޑޫދޫ ކައުންސިލްގެ ނާއިބް ރައީސް މުޙައްމަދު ނަވާޒް ވިދާޅުވީ އެރަށުގެ މިރުސް ދަނޑުތަކުގައި މިރުސް ހުރީ ވަރަށް މަދުން ކަމަށާއި މިދުވަސްކޮޅު ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކާ އެކު މިރުސް މާލެއަށް ފޮނުވުންވެސް ހުއްޓިފައިވާ ކަމަށެވެ.
މާލެ ސިޓީ ފުރަބަންދަކަށް ގޮސްފައިވާ ދަނޑިވަޅެއްގައި ރޯދަ މަސްފަށާއިރު، ދިވެހިންނަށް ބާޒާރު ކުރުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އޮންލައިންކޮށް ނޫންނަމަ ގުޅައިގެން ވިޔަފާރިކުރަން ޖެހިފައިވާ އިރު، މިރުސް ވިއްކާ އުޅެނީ މަދު ބައެކެވެ. އެ ފަރާތްތަކުންވެސް ބުނަނީ މިރުސް ހުސްވެފައިވާ ކަމަށާއި، ކުރިއަށްވެސް ލިބެން ހުރީ އިންޑިއާ ނޫނީ ލަންކާއިން ގެންނަ މިރުސް ކަމަށެވެ.
އޮންލައިންކޮށް ތަކެތި ވިއްކާ ފަރާތްތަކުން ބުނީ އިންޑިއާ އާއި ލަންކާ އިން ރާއްޖެއަށް ގެނެސްފައިވާ މިރުސްވެސް މިހާރު ހުރީ ކިލޯއެއް 200- 300 ރުފިޔާ ދެމެދުގެ އަގުތަކެއްގައި ކަމަށެވެ. އަދި ތޮޅި މިރުސް ކިލޯއެއް ލިބެން ހުރީ 60- 80 ރުފިޔާއާ ދެމެދުގެ އަގުތަަކަކަށެވެ.
ދިވެހި ގިތެޔޮ މިރުސް ވިއްކާ ފަރާތްތަކުން ބުނީ މިރުސް އެންމެ ފަހުން ވިއްކާފައިވަނީ ކިލޯއެއް 700 ރުފިޔާއަށް ކަމަށެވެ. އަދި ބައެއް ފަރާތްތަކުން މިރުސް ކިލޯއެއް 1200 އަށްވެސް ވިއްކާފައިވެއެވެ. 100 ގްރާމް ގިތެޔޮ މިރުސް ލިބެން ހުރީ 75 ރުފިޔާއާއި 100 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ. އަދި 100 ގްރާމް ތޮޅި މިރުސް ލިބެން ހުރީ 35 ރުފިޔާ އާއި 45 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ.
ތޮއްޑޫގެ ދަނޑުވެރިންވެސް ބުނީ މިރުސް މިދުވަސްކޮޅު ދަނޑުތަކުގައި މަދުކަމަށެވެ. އެރަށުން މިރުސް ކިލޯއެއް ވިއްކަމުން ދަނީ ކިލޯއެއް 300 ރުފިޔާއަށްކަމަށް އެރަށުން ވާހަކަ ދެއްކި ދަނޑުވެރިއަކު ބުންޏެވެ.
ދެން މާލޭ ބާޒާރަށް މިރުސް ގެންނަ އެއް ރަށަކީ ކާށިދޫއެވެ. އެރަށުގެ ދަނޑުތަކުގައިވެސް މިދުވަސްކޮޅު މިރުސް ހުރީ ވަރަށް މަދުން ކަމަށް ކައުންސިލުން ބުނެއެވެ. އެރަށުން ވާހަކަދެއްކި ދަނޑުވެރިއަކު ބުނީ މިފަހުން އައި ހޫނު މޫސުމާއި އެކު ދަނޑުތައް ހަލާކުވީ ކަމަށެވެ. އެރަށުން ރޭ ފުރި ދޯންޏެއްގައި 8 ކިލޯ މިރުސް މާލެއަށް ގެންދާނެ ކަމަށާއި އެރަށުން މިރުސް ކިލޯއެއްގެ އަގު އުޅެނީ 700-800 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައި ކަމަށް ދަނޑުވެރިޔާ މައުލޫމާތުދިނެވެ.
ގިތެޔޮ މިރުހަކީ ދިވެހިން ކެއްކުމާއި ކެއުމުގައިވެސް ޢާއްމުކޮށް ބޭނުންކުރާ ބާވަތެކެވެ. ޚާއްސަކޮށް ކުޅިގަދަ މީރު ދިވެހި ގިތެޔޮ މިރުހަކީ ދިވެހިންގެ ކެއުމުގައި ޒަރޫރީ އެއްޗެއްގެގޮތުގައި ބެލެވެއެވެ. އަދި ކޮންމެ އަހަރެއްގެ ވެސް ރޯދަމަހު ބާޒާރުގައި ދިވެހި ގިތެޔޮ މިރުހުގެ އަގު އިންތިހާއަށް އުފުލިގެން ދެއެވެ. އެހެން ނަމަވެސް މިރުސް ހުސްވެ، މިރުސް ގަންނަން ނުލިބިގެން އުޅޭކަން ނުޖެހެއެވެ.
ދިވެހިން ރޯދަމަހު ވިޔަފާރިކުރުމަށްދާ އެންމެ ބާރުބޮޑު އެއް ތަނަކީ ދަތުރުވެރިންގެ މާރުކޭޓާއި މާލޭ ލޯކަލް މާރުކޭޓެވެ. ތާޒާ ދިވެހި ތަރުކާރީ އާއި މޭވާ އެއްތަނަކުން ލިބެން ހުންނަނީ މިފަދަ މާރުކޭޓުތައް ކަމަށްވާއިރު، މާލެ ސިޓީ ފުރަބަންދަކަށް ދިޔުމުން މިތަންތަން ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.