ޚަބަރު

ކޯވިޑް-19 : ޕީސީއާރު ޓެސްޓް ހެދޭ އިތުރު މެޝިނެއް ބޭނުންކުރަންފަށައިފި


ކޯވިޑް-19އަށް ޓެސްޓްހެދުމަށް އިތުރު މެޝިނެއް ބޭނުންކުރަންފަށައިފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސްގައި ބޭނުންކުރަމުން އައި މެޝިނެއް ކޯވިޑް-19އަށް ޕީސީއާރު ޓެސްޓްހެދުމަށް މިއަދު ބޭނުންކުރަން ފަށާފައިވާކަމަށެވެ. މި މެޝިމް ބޭނުންކުރަން ފެށުމުން ދުވާލަކު މިހާރު ޓެސްޓްކުރާ މިންވަރަށް ވުރެ އިތުރަށް 50 ޓެސްޓް ހެދޭނެކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެޢަދަދު އިތުރުކުރެވޭނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ޕީސީއާރު ޓެސްޓްކުރަމުން އައީ އައިޖީއެމްއެޗްގައި ހުރި އެންމެ މެޝިނަކުންނެވެ. އަދި އިތުރަށް އަތޮޅުތަކަށް މިޓެސްޓްހެދުން ފުޅާކުރުމުގެ މަސައްކަތްކުރަމުން އަންކަމަށާ، ރަށްރަށުގައި ލޭގެ ޓެސްޓްހަދަން ބޭނުންކުރާ މެޝިން މޮޑިފައިކޮށް، ރާއްޖެއިން ބޭރުން ގެންނަ ކާޓްރިޖް ބޭޏުންކޮށްގެން ކޯވިޑް19އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސަމުން އަންކަމަށް މީގެކުރިން މަބްރޫކް ވިދާޅުވެފައިވެއެވެ.

ރާއްޖޭގައިމިހާތަނަށް ޕީސީއާރު ޓެސްޓްހަދަމުން އައިސްފައިވަނީ ދެ ޓެކްނޮލަޖިސްޓުންނެވެ. ނަމަވެސް މިހާރު އިތުރު 16 މީހަކު ތަންރީންކޮށް ޚިދިމަތަށް ނެރުމަށް މަސައްކަތްކުރައްވާކަމަށް އައިޖީއެމްއެޗް އިން ވަނީ ވިދާޅުވެފައެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ޕީސީއާރު ޓެސްޓް ކިޓް ނުވަތަ ކޯވިޑް-19އަށް ޓެސްޓްކުރާ 5000 ކިޓް މިއަދު ލިބިފައިވާކަމަށެވެ.