ޚަބަރު

އިތުރު 2 ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


އިތުރު 2 ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މި ދެމީހުން މިހާރުވަނީ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވާކަމަށެވެ. މިދެމީހުންނާއެކު މިހިނގާ 24 ގަޑިއިރުގެ ތެރޭގައި މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 25އަށް މިވަނީ އަރާފައެވެ.

މިއާއިއެކު މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 90 އަށް އަރާފައެވެ. އަދި މުޅިރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު މިވަނީ 110 އަށް އަރާފައެވެ.

މިއެންމެންވެސްތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މާލެއިން މިބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި ގިނަބަޔަކު ނުވަތަ ބަލިޖެހުނު މީހުންނާ ސީދާ ދިމާވި ގިނަބަޔަކުވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޑެލިވަރީގެ ޙިދުމަތްތަކާއި، އާންމު އެހެން ޚިދުމަތްތަކުގައި އުޅޭމީހުންވެސް ފެނިފައިވާތީ އެމީހުންނާއި ދިމާވި އިތުރުބަޔަކު ވާނަމަ ލަސްނުކޮށް އެޗްޕީއޭއަށް އެކަން ރިޕޯޓްކުރުމަށް އެފަރާތުންވަނީ އާންގަވާފައެވެ.