ޚަބަރު

ކޯވިޑް-19 : ކުރިއަށް އޮތް 3 މަހަށް ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް މަދުވެގެން 4.2 ބިލިއަން ރުފިޔާ ބޭނުންވޭ


ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ލޮޅުމާއެކު ކުރިއަށް އޮތް އެއް މަސްދުވަހަށް ދައުލަތުގެ ޚިދުމަތްތައް ދިނުމަށް މަދުވެގެން 4.2 ބިލިއަން ރުފިޔާ ބޭނުންވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ހުރިހާ ހަރަކާތްތަކެއް ހުއްޓިފައިވާތީ އެކަމުގެ ސަބަބުން އިޤްތިޞާދަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައެވެ.

ދައުލަތުގެ އާމްދަނީއަށް ލިބޭޏެކަމަށް ލަފާކުރާ ޢަދަދު ބޮޑުތަނުން ދަށްވާނެތީ ދައުލަތުގެ ޚަރަދުތައް ކުރުމަށް ބޭނުންވާ ފައިސާގެ ތަފްސީލް ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް 3 މަހަށް ދައުލަތުގެ ޚިދުމަތް ދަމަހައްޓައި، ސިއްޙީ ޚިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިޤްތިޞާދީ ގޮތުން ޢާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާ ބޭނުންވާކަމަށެވެ.

މިއީ ދަޢުލަތުގެ ކޭޝްފްލޯއަށް އައި ބޮޑު ޝޮކެއްގެ ގޮތުގައި ސިފަކުރައްވަމުން މިނިސްޓަރ އަމީރު ވަނީ ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށް އެޅި ފިޔަވަޅުތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

އޭގެތެރޭގައި ދައުލަތުގެ ޚަރަދު ކުޑަކުރުމާއި، ބޭރުގެ ހިލޭ އެހީ ހޯދުމާއި، ބޭރުގެ ލޯނުތައް ހޯދުމާއި، އެތެރޭގެ މާލީބާޒާރަށް ޓީ-ބިލު ވިއްކުމުގެ އިތުރުން މަރުކަޒީ ބޭންކު މެދުވެރިކޮށް ފައިސާ ހޯދުން ހިމެނޭކަމަށެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި

  • ދައުލަތުގެ މުސާރަތައް ކުޑަކުރުން
  • އައު މުވައްޒަފުން ނުނެގުން
  • ދަތުރުފަތުރުތައް މަޑުޖައްސާލުން
  • މަރާމާތުތައް މަޑުޖައްސާލުން
  • ހަރުމުދާ ހޯދުން މަޑުޖައްސާލުން
  • އައު މަޝްރޫޢުތައް އެވޯޑްކުރުން މަޑުޖައްސާލުން
  • ޑެޓް ރިލީފް މޮރެޓޯރިއަމް ހޯދުމުގެ މަސައްކަތްކުރުން
  • 35000 ރުފިޔާއަށްވުރެ ބޮޑު ކޮންމެ ޚަރަދަކަށް ފިނޭންސް މިނިސްޓްރީން ހުއްދަ ހޯދައިގެން ޚަރަދު ކުރުން

މިނިސްޓަރ ވަނީ ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށް 233.39 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތްކުރަމުން އަންކަން ފާހަގަކުރައްވާފައެވެ.