ޚަބަރު

ކޯވިޑް-19 : ރާއްޖެއަށް ދިމާވަމުންދާ ދަތިތައް ސާކުގެ ޤައުމުތަކާއި ހިއްސާކުރައްވައިފި


ކޯވިޑް19އިން އަރައިގަތުމަށް ރާއްޖެއިން ކުރައްވަމުންދާ މަސައްކަތްތަކާއި، އެކަމުގައި ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތައް ސާކްގެ ޤައުމުތަކާއި ޙިއްސާކުރައްވައިފިއެވެ.

ޕާކިސްތާނުގެ އިސްނެންގެވުމާއިއެކު ބޭއްވި ވީޑިއޯ ކޮންފަރެންސްގައި، ޤައުމުތަކުގެ ސިއްޙީ އިސް ބޭފުޅުންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރެވެ.

މި ބައްދަލުވުމުގައިވަނީ ސާކްގެ ގައުމުތަކުގައި ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅަމުންދާ ވިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި މިވަގުތު ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، މެންބަރު ޤައުމުތައް ގުޅިގެން ޤައުމުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާއިމެދުވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ބަލި ކޮންޓްރޯލްކުރުމަށް ޤައުމީ ފެންވަރުގައި އެކި ޤައުމުތަކުން ކުރަމުންދާ މަސައްކަތުގެ ތަޖުރިބާވެސްވަނީ ޙިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުވަނީ ރާއްޖެއިން މިހާލަތާއި ގުޅިގެން އަޅުއްވަމުންދާ ފިޔަވަޅުތަކާއި، ޤައުމުގެ ޙާލަތު ސާކްގެ އެހެން ޤައުމުތަކާއިއެކު ޙިއްސާކުރައްވާފައެވެ. އެގޮތުން އެކަމަނާގެ ވާހަކަފުޅުގައިވަނީ ރާއްޖެއަކީ އިމްޕޯޓް މުދަލަށް ބަރޯސާވާ ޤައުމަކަށްވުމުން ލޮކްޑައުންތަކާއި ގުޅިގެން ރާއްޖެއަށް މުދާ ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް ބޭހާއި ސިއްޙީ އާލާތްތަކާއި މެޝިނަރީ ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަމަށް ވިދާޅުވިއެވެ. އެކަމަނާވަނީ މިކަމުގައި މެންބަރު ޤައުމުތަކުގެ އެހީ ރާއްޖެއަށް ލިބިއްޖެނަމަ، ރާއްޖެއަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.

ސާކްގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އަށް ޤައުމަކީ ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ، ޕާކިސްތާން، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އަފްގާނިސްތާންއެވެ.

މި ޤައުމުތަކުންވަނީ ކުރިއަށްއޮތްތަނުގައިވެސް މިފަދަ ބައްދަލުވުންތައް ބާއްވައި، މެންބަރު ޤައުމުތަކަށް ކޯވިޑުން ރައްކާތެރިވުމަށް ހުރި ގޮންޖެހުންތައް ޙައްލުކުރުމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް އެއްބަސްވެފައެވެ.