ޚަބަރު

ކޯވިޑް-19 : 98 މީހުންނާއެކު ދަތުރުކުރި ބޯޓެއްގެ ކެޕްޓަން ޕޮޒިޓިވްވެއްޖެ


ނުވަދިހަ އަށް މީހުންނާއެކު އަތޮޅުތެރެއަށް ފުރި ބޯޓެއްގެ ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ކޯވިޑް-19އާ ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ 98 މީހުންނާއެކު ށ.ނަރުދޫއަށް ދަތުރުކުރި "އަމާޒު" ނަމަކަށްކިޔާ ބޯޓުގެ ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަަަމަށާ، އެ ބޯޓު ވަރށް ގިނަ ރަށްރަށަށް ދަތުރުކޮށްފައިވާކަމަށެވެ.

ބޯޓު ދަތުރުކޮށްފައިވަނީ މިމަހުގެ 15ވަނަ ދުވަހާއި 16ވަނަ ދުވަހުއެވެ. މިބޯޓު ދަތުރުކުރި ރަށްރަށުގެތެރޭގައި ނ.މާފަރު، ހެނބަދޫ، ހޮޅުދޫ، ކެނދިކުޅުދޫ، ށ.ނަރުދޫ، ފުނަދޫ ފީވަށް، ހއ.އުތީމް އަދި ދިއްދޫ ހިމެނެއެވެ. މިރަށްރަށް މިހާރުވަނީ މޮނީޓަރިންގެ ޙާލަތުގައެވެ. މިއީ ވަރަށް ބޮޑު ކްލަސްޓައަކަށްވުން އެކަށީގެންވާކަމަށާ، މި ބޯޓްގައި ދަތުރުކުރި އެންމެންނާ ސީދާ ދިމާވިމީހުން ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. މިބޯޓުން ދަތުރުކުރި 5 މީހެއްގެ ފަރާތުން ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމަތްތަކެއް ފެންނަންފަށާފައިވާކަމަށްވެސް ޑރ.އަފްޒަލް ވަނީ ވިދާޅުވެފައެވެ.

ޑރ.އަފްޒަލް ވިދާޅުވީ އެބޯޓުގައި ދަތުކުރި މީހުންނާއި، އެމީހުން ދަތުރުކުރި ރަށްރަށުގެ މީހުންވެސް ބައްޔަށް ޝައްކުކުރެވޭނަމަ އެންއީއޯސީއަށް ނުވަތަ އެރަށެއްގެ ސިއްޙީ ޚދިމަތްދޭ މަރުކަޒަށް ގުޅުމަށް އިލްތިމާސްކުރައްވާކަމަށެވެ. އަދި އަލާމާތް ފެންނަނަމަ ލަސްނުކޮށް ސައްޙަ މަޢުލޫމާތު ދެއްވުމަށްވެސް ޑޮކްޓަރ އެދިވަޑައިގަތެވެ.