ޚަބަރު

ކޯވިޑް-19 : 701 ބިދޭސީއަކަށް އެނބުރި ޤައުމަށް ދިއުމުގެ ފުރުޞަތުދީފި


ރާއްޖޭގައި މަސައްކަތްކުރާ 701 ބިދޭސީއަކު އަމިއްލަ ޤައުމަށް ފުރުމުގެ ހުއްދަދީފިއެވެ. ރާއްޖޭގައި ގިނަ ޢަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުން އަންނައިރު ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ އަދަދުވެސް ގިނައެވެ. ކޯވިޑް19އާ ގުޅިގެން އިޤްތިޞާދީ ޙަރަކާތްތައް ހުއްޓިފައިވުމުން ގިނަބައެއްގެ މަސައްކަތްވަނީ ގެއްލިފައެވެ. އަދި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރު ހުއްޓިފައިވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބިދޭސީންނަށް ވަނީ އަނބުރާ އެމީހުންގެ ޤައުމުތަކަށް ނުދެވިފައެވެ.

701 ބިދޭސީން ފުރުވާލިކަން ހާމަކުރައްވައި މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އެވަކުއޭޝަން ފްލައިޓްތަކުގައި ފުރުވާލާފައިވަނީ އިޓަލީވިލާތާއި، އިންޑޮނޭޝިއާއާއި ފިލިޕީންސްގެ ރައްޔިތުންނެވެ. މި މީހުންގެ ތެރޭގައި ގިނައީ ރާއްޖޭގައި މަސައްކަތްކުރާ މީހުންނެވެ.

މީގެ ކުރިންވެސް ކޯވިޑް-19އާ ގުޅިގެން އަމިއްލަ ޤައުމަށް ނުދެވިތިބި ފަތުރުވެރިންނާއި ބިދޭސީ މަސައްކަތު މީހުންވަނީ މޯލްޑިވިއަންގެ ފްލައިޓުގައި އެޤައުމުތަކަށް ގެންގޮސްދީފައެވެ. އެގޮތުން ރާއްޖޭގައި ނުފުރިފައި ތިބި މޮރިޝަސްއާޢި ސައުތު އެފްރިކާގެ ފަތުރުވެރިން މޯލްޑިވިއަންގެ ޗަޓަރ ފްލައިޓެއްގައި އަނބުރާ ޤައުމަށް ގެންގޮސްދީފައެވެ. އަދި ޤަތަރު އެއާރވޭސް އިން ވަނީ އޮސްޓްރޭލިއާ ރައްޔިތުންވެސް ވަނީ އެ ޤައުމަށް ގެންގޮސްދީފައެވެ.