ޚަބަރު

ކޯވިޑް-19 : 6300 އަށްވުރެ ގިނަ ސާމްޕަލްނަގައިފި، 5990 ސާމްޕަލް ނެގެޓިވް


ރާއްޖެއިން ކޯވިޑް-19އަށް 6300 އަށްވުރެ ގިނަ ސާމްޕަލް ނަގާފައި ވާކަމަށާ، އޭގެތެރެއިން 5990 ސާމްޕަލް ނެގެޓިވް ވެފައިވާކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރެޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މިހާތަނަށް 6343 ސާމްޕަލް ނަގާފައިވާކަމަށެވެ. މީގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 224 މީހެއްކަމަށެވެ. 5990 ސާމްޕަލް ކޯވިޑަށް ނެގެޓިވް ވެފައިވާއިރު، ނަތީޖާ ނުލިބި ލެބޯރިޓީގައި 129 ސާމްޕަލެއް އެބަހުރިކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް މޮނިޓަރިންގެ ޙާލަތަށް ގެނެވިފައިވާ 294 އެޕާޓްމަންޓެއް ވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި މިވަގުތު އައިސޮލޭޝަން ފެސިލިޓީސްތަކުގައި ތިބީ 214 މީހެކެވެ. އަދި ކަރަންޓީނުގައިތިބީ 1217 މީހެއްކަމަށެވެ. އަދި މިއަދު ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަވެ ދެ ސާމްޕަލްނަގައި ނެގެޓިވްވުމުން 40 މީހަކު ދޫކޮށްލާފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މިވަގުތު ބަލިޖެހިގެން ފަރުވާދެމުންދަނީ 207 މީހަކަޑށެވެ.

މަބްރޫކް ވިދާޅުވީ މުޖުތަމައު ތެރެއިން މިބަލި ފެނި ބަލިޖެހުނު މީހުންނާ ސީދާ ދިމާވި މީހުން ހޯދުމުގެ މަސައްކަތުގެތެރެއިން މިހާތަނަށް 3044 މީހަކު ދެނެގަނެވި ސާމްޕަލް ނަގަމުންދެއެވެ. މޮނިޓަރިންގެ ޙާލަތުގައިހުރި ބައެއް ތަންތަން މޮނިޓަރިންއިން ނަގައި އިތުރުތަންތަން މިއަދުވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

މިއަދު ކޮނިޓަރިން އިން ނަގާފައިވާ ތަންތަނަކީ ދުރުރަސްތާ8(ދޯނި)، ނޫފަރު އެކްޕްރެސް(ބޯޓު)، ކ.ގުރައިދޫއެވެ.

މޮނީޓަރިންގެ ޙާލަތަށް މިއަދު ގެންގޮސްފައިވާ ރަށްތަކަކީ ށ.ކުމުންޑޫ، ށ.ހިރިމަރަދޫ، ބ.ކެންދޫ، ށ.ލައިމަގު، ބ.ގޮއިދޫ އަދި ކ.މާފުއްޓެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ފްލޫކްލިނިކްތަކުން 185 މީހަކުވަނީ ޚިދުމަތް ހޯދާފައެވެ. އަދި މާލޭގައި ވަންނާނެ ތަނެއްނެތި ތިބި 88 މީހަކަށް ތިބޭނެތަންތަން ހަމަޖައްސަދީފައިވެއެވެ. އަދި ނިމިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކާބޯތަކެތީގެ ދަތިކަން ހުރި 190 މީހަކަށް ކާބޯތަކެތި ފޯރިކޮށްދީފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.