ޚަބަރު

ކޯވިޑް-19 : އަނެއްކާވެސް އިތުރު 14 ދުވަހަށް މާލެ ސަރަހައްދު ފުރަބަންދު


މާލެ ސަރަޙައްދު، އިތުރު 2 ހަފްތާއަށް ފުރަބަންދު ކުރުމަށް ނިންމަވައިފިއެވެ.

މާލޭގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން މާލެ ސިޓީ ހިމެނޭ ސަރަހައްދުގެ މާލެއާއި ހުޅުމާލެއާއި ވިލިމާލެ ފުރަބަންދުކޮށްފައި ވަނީ މިމަހުގެ 15ވަނަ ދުވަހު 2 ދެދުވަހުގެ މުއްދަތަކަށެވެ.

ނަމަވެސް ކޯވިޑް-19އަށް ޕޮޒިޓިވް މީހުން މާލެއިން ފެނުން އިތުރުވުމާގުޅިގެން މިމަހުގެ 17ވަނަ ދުވަހު އިތުރު 14 ދުވަހުގެ މުއްދަތަކަށް މާލެ ސަރަޙައްދުވަނީ ފުރަބަންދުކޮށްފައެވެ. އަނެއްކާވެސް އިތުރު 14 ދުވަހަށް މާލެ ސަރަޙައްދު ފުރަބަންދަކަށް ގޮސްފައިމިވަނީ މުޖުތަމައުގައި ކޯވިޑް ފެތުރުމަށް އޮތް ފުރުސަތު ހަނިކުރުމަށެވެ. އަދި މިކަމަށް ރައްޔިތުން ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކޮށްފައިވަނީ 2 ފަހަރެއްގެމަތީންނެވެ. މިފަހަރު އިޢުލާންކުރި ފުރަބަންދާއެކު މިއީ މާލެ ސަރަހައްދު ފުރަބަންދުކުރި 3 ވަނަ ފަހަރެވެ.

ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު


  • 12 މާޗް 2020 30 ދުވަހަށް
  • 10 އޭޕްރީލް 2020 އިން އޭޕްރީލް މަހުގެ ނިޔަލަށް


މާލެ ސަރަހައްދު ފުރަބަންދުކުރުން

  • 15 އޭޕްރީލް 2020 2 ދުވަހަށް
  • 17 އޭޕްރީލް 2020 14 ދުވަހަށް
  • 28 އޭޕްރީލް 2020 14 ދުވަހަށް


މި އެންގުމާއިއެކު މި ބަޔާން ޢާންމުކުރި ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން ބައެއް ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އަންގަވާފައެވެ.

އޭގެތެރޭގައި ހިމެނެނީ

- މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް ނިކުތުން މަނާކުރުން
- މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ)ގެ ޚިދުމަތް ހުއްޓައިލުން
- މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުން

މި ފިޔަވަޅުތަކުން އިސްތިސްނާވާނެ ފަރާތްތައް


  • ސިފައިންނާއި ފުލުހުން
  • ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • އެމްބިއުލަންސް
  • ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތައް
  • ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ)ގެ ފާސް ލިބިފައިވާ މީޑިއާތައް


މިފިޔަވަޅުތައް ތަންފީޒުކުރުމުގައި ވަގުތަށާއި ޙާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންކަމަށްވެސް ބަޔާނުގައިވެއެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރައްޙަދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައި އެކަންވަނީ ޢިއުލާންކުރައްވާފައެވެ. ވަކި ގޮތެއް އަންގަންދެން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެ، ވިލިމާލެ، ހުޅުމާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް ވަނީ އަމުރުކުރައްވާފައެވެ.