ޚަބަރު

ރާއްޖެއިން އަނެއްކާވެސް އިތުރު 5 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


އިތުރު 5 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު 250އަށް އަރައިފިއެވެ.

މި 5 މީހުންނާއެކު ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 21 އަރާފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދުވަނީ 250އަށް އަރާފައެވެ. އިއްޔެ މާލެއިން ޕޮޒިޓިވް ވެފައިވަނީ 14 މީހެކެވެ.

ރާއްޖެއިން މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހުވަނީ 73 މީހަކު ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ. މުޖުތަމައުގެ ތެރޭގައި ބަލި ކޮންޓްރޯލްކޮށް ބަލި އޮތް މިންވަރު ދެނެގަތުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިއްޔެއިން ފެށިގެންދަނީ މާލެ ތެރެއިން ރެންޑަމް ސާމްޕަލްތައް ނަގަންފަށާފައެވެ.