ޚަބަރު

ކޯވިޑް-19 : ކުރެއްދުއިން 649 ސާމްޕަލް ނަގައިފި، މޮނިޓަރިން ދޫކޮށްލާނީ ހުރިހާ ނަތީޖާއެއް ލިބުމުން


ކޯވިޑް-19އާ ގުޅިގެން ކުރެއްދޫ ރިސޯޓްގެ މުވައްޒަފުންގެ 649 ސާމްޕަލް ނަގާފައިވާކަމަށާއި، އެރަށް މޮނިޓަރިންގެ ޙާލަތުން ދޫކޮށްލާނީ ހުރިހާ ނަތީޖާއެއް ލިބުމުންކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ކުރެއްދުއަކީ އެންމެ ފުރަތަމަ ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވިމީހާ ފެނުނު ރިސޯޓެވެ. އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާގެ ފަރާތުން އެހެން ބަޔަކަށް ބަލި ޖެހިފައިވޭތޯ ކަށަވަރުކުރުމަށް ނުވަތަ ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތޯ ބެލުމަށް އެރަށުގެ ހުރިހާ މުވައްޒަފުން މިހާތަނަށް ތިބީ އެރިސޯޓުން ނުފޭބޭގޮތަށް މޮނިޓަރިންގެ ޙާލަތުގައެވެ. އެހެންކަމުން ކޯވިޑް-19އާ ގުޅޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ނިންމާފައިވަނީ ކުރެއްދޫ ރިސޯޓްގައި ތިބި ހުރިހާ މުވައްޒަފުންގެ ސާމްޕަލް ނަގާ ޓެސްޓުކުރުމަށެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ކުރެއްދޫ ރިސޯޓުން މިހާތަނަށް 649 ސާމްޕަލް ނަގާފައިވާކަމަށެވެ. އެގޮތުން 354 ސާމްޕަލެއްގެ ނަތީޖާ ހޯދުމުގެ މަސައްކަތް އައިޖީއެމްއެޗްގެ ލެބޯޓްރީގައި ކުރިއަށްގެންދިޔަކަމަށާއި، ޕޮލިސްއިންޓެލިޖެންސް ލެބޯޓްރީގައި 221 ސާމްޕަލެއްގެ ނަތީޖާ ހޯދުމުގެ މަސައްކަތްކުރެއްވިކަމަށެވެ. އަދި 74 ސާމްޕަލެއްގެ ނަތީޖާ ނުލިބިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މި ސާމްޕަލްތަކުގެ ނަތީޖާ ލިބުމުން އެރަށް މޮނިޓަރިންގެ ހާލަތުން ދޫކޮށްލެވޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މި ސާމްޕަލްގެ ނަތީޖާތައް ލިބުމުން ކުރެއްދޫ ޢާންމުހާލަތަކަށް ގެނެވޭނެ. ކުރެއްދޫގައި ތިބި މުވައްޒަފުންނަށް ފުރައިގެން ރަށަށްދެވޭނެ ގޮތް މަގުފަހިވެގެންދާނެ." މަބްރޫކް ވިދާޅުވިއެވެ.

މީގެކުރިން ބޭއްވި ޕްރެސްކޮންފަރެންސްގައި ސަރުކާރުންވަނީ ކުރެއްދޫއިން ނެގި 173 ސާމްޕަލް ނެގެޓިވްވެފައިވާކަމަށެވެ. ކުރެއްދޫ ރިސޯޓަކީ ރާއްޖެއިން ކޯވިޑް-19ގެ އެންމެ ފުރަތަމަ އިމްޕޯޓެޑް ކޭސް ފެނުނު ރިސޯޓެވެ. އެރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިގެންދިޔަ އިޓަލީ ފަތުރުވެރިއަކު މިބައްޔަށް ޕޮޒިޓިވްވެފައިވުމުން ކުރެއްދޫއިން އޭނާއާ ސީދާ ދިމާވި މީހުންވަނީ ޓެސްޓް ހަދާފައެވެ. އެއާއެކު އެރިސޯޓުގެ ޑޮކްޓަރުވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ފަހުންވެސް 4 މީހަކު ބައްޔަށް ޕޮޒިޓިވްވެ އެ ރިސޯޓުން ޖުމްލަ 5 މީހަކު މިހާތަނަށް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް އެ އެންމެން ވަނީ މިހާރު އެބަލިން ރަނގަޅުވެފައެވެ.