ޚަބަރު

ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ބިލު ފާސްކޮށްފި


މިހާރު ފެތުރެމުންދާ ބަލިމަޑުކަމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް މަޖިލީހަށް ހުށައެޅި ވަގުތީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. މި ބިލު މަޖިލީހުން ފާސްކުރެއްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ވޯޓުންނެވެ.

މިމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން އިޢުލާންކުރަން ތަޢާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައި ވަނީ ރާޢްޖޭގައި ކޯވިޑް-19 ފެތުރެން ފެށުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު އިޢުލާންކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުނުކަން ކަމާގުޅުންހުރި އިދާރާތަކުން އިޢުލާންކުރުމުން މެނުވީ އިންތިޚާބު ބާއްވާނެ ތާރީޚެއް އިޢުލާން ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020 ގެ ނަމުގައި މަޖިލީހަށް ހުށައަޅާފައިވާ ވަގުތީ ބިލުގައި ބަޔާންކޮށްފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ބާއްވަންވާނެކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ ރާއްޖޭގައި މިހާރު އޮތް އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލިކަން އެކަމާއި ގުޅޭ އިދާރާއަކުން އިޢުލާންކުރުމުންކަމަށާ، އިންތިޚާބު ބޭއްވޭނެކަން އިޢުލަންކުރަންވާނީ 12 މާރޗްގައި އިޢުލާންކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައުމަށްފަހު، އިންތިޚާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމުގައި ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައެޅުމަށްފަހުގައެވެ.

އަދި އިންތިޚާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުން އެންމެ ރަނގަޅު ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައަޅާތާ ހަތް ދުވަހުގެ ތެރޭގައި، އިންތިޚާބާގުޅޭ މަސައްކަތްތައް ރަސްމީކޮށް ފަށާނެ ތާރީޚަކާއި، އިންތިޚާބު އަލުން ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރަންވާނެކަމަށްވެސް މަޖިލީހުން ފާސްކުރި ބިލުގައިވެއެވެ.

އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ބަދަލެއް ނުގެނެވޭނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި އިންތިޚާބުގައި ވާދަކުރާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމާއެކު އެމީހުން ކުރިން ތިބި މަޤާމަށް ރުޖޫއަވާނެކަމަށްވެސް ފާސްކުރި ބިލުގައިވެއެވެ. އަދި މިޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އެ މުވައްޒަފުން ސިވިލް ސަރވިސްގެ ވަޒީފާއަށް ރުޖޫޢަވާ ހިސާބުން ފެށިގެން އެމީހުން އަލުން ސަސްޕެންޑްކުރެވެންދެން، އިންތިޚާބާ ގުޅޭގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ޙަރަކާތެއް އެމީހުން ކުރިއަށްގެންގޮސްގެންނުވާނެކަމށްވެސް ބުނެފައިވެއެވެ.

މި ބިލު ޤާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީޤްކުރައްވާ ދިވެހި ސަރުކާރުގެ ގެނެޓްގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި، އައު ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާ ޙަވާލުވަންދެން، މިހާރު މަޤާމުތަކުގައި ތިއްބެވި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުން އެ މީހުންގެ މަޤާމުގައި ދެމިތިބެވޭނެގޮތަށް ޤާނޫނު އަސާސީއަށްވެސް ވަނީ އިޞްލާޙެއް ހުށައަޅާފައެވެ.