ޚަބަރު

ކޯވިޑް-19 : ށ.ނަރުދުއާއި މިލަންދޫއިން ޕޮޒިޓިވްވި މީހުން ދޮނަކުޅި ކަރަންޓީނަށް


ހއ.ދޮނަކުޅި ރިސޯޓް ކަރަންޓިން ފެސިލިޓީއަކަށް ބަދަލުކޮށް ށ.ނަރުދޫއިން ޕޮޒިޓިވްވި އެންމެން އެރަށަށް ބަދަލުކޮށްފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ދޮނަކުޅި ރިސޯޓް މިހާރު އުތުރުގެ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފައިވާކަމަށެވެ.

މިމަހުގެ 15ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްތަކަށް ދަތުރުކުރި އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާގެ ކޮންޓެކްޓް ޓްރޭސްކުރުމުގެ ތެރެއިން ވަނީ ނަރުދޫއިން 8 މީހުން ޕޮޒިޓިވެފައެވެ. އަދި އެއަތޮޅު މިލަންދުއިންވެސް އެކަކު ވަނީ ޕޮޒިޓިވެފައެވެ. މި 9 މީހުން ދޮނަކުޅި ކަރަންޓީން ފެސިލިޓިއަށް ވަނީ ބަދަލުކޮށްފައެވެ.

މަބްރޫކް ވިދާޅުވީ އަމާޒު ބޯޓުުން ދަތުރުކުރި މީހުންގެ ކޮންޓެކްޓް ޓްރޭސްގެ ތެރެއިން 118 މީހުން ދެނެގަނެވިފައިވާކަމަށާއި، 13 މީހުގެ ފަރާތުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައްވެސް ފެންނަން އެބަހުރިކަމަށެވެ. އަދި މިހާތަނަށް ނަތީޖަ ލިބުނު ދެމީހުންގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި އުތުރުން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ އިތުރުން ރ.އަތޮޅު އިނގުރައިދޫވެސް އަމާޒު ބޯޓުގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

އާމަޒު ބޯޓުން ދަތުރުކުރި ބައެއް މީހުން ޕޮޒިޓިވްވުމާއި ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ ށ.މާއުނގޫދޫ، ފީވަށް، މިލަންދޫ، ގޮއިދޫ، ނަރުދޫ އަދި ނ އަތޮޅުން ހޮޅުދޫ މާފަރު، މިލަދޫ، ކެނދިކޮޅުދޫ އަދި ވެލިދުއާއި ހދ. ހިރިމަރަދޫ، ކުޅުދުއްފުށި, ހއ.\އުތީމު، ދިއްދޫ އަދި ބ.ކެންދޫއެވެ.

އަމާޒު ބޯޓްގެ ކްލަސްޓާއަކީ ވަރަށްބޮޑު ކްލަސްޓަރ އަކަށްވުން އެކަށީގެންވާކަމަށާ މިބޯޓުގައި ދަތުރުކުރި އެންމެންނާ ސީދާ ދިމާވިމީހުން ހޯދުމުގެ މަސައްކަތްކުރަމުން އަދިވެސް ކުރަމުން އަންނަކަމަށް އެންއީއޯސީން ވިދާޅުވެއެވެ.

މި ޕްރެސްކޮންފަރެންސްގައި މަބްރޫކް ވަނީ މާލެ އަތޮޅު ފަރުކޮޅު ފުށި ކަރަންޓިން ފެސިލިޓީގައި ތިބި މީހުން ބަނޑޮހަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައވެ. ފަރުކޮޅު ފުށީގައި ތިބި މީހުން ބަނޑޮހަށް ބަދަލުކުރުމަށް ނިންމާފައިވަނީ އެރަށުގެ ފެސިލިޓީތަކުގައި ބައެއް މައްސަލަތައް ހުރުމުންނެވެ. މަބްރޫކް ވަނީ މާލެއިން މީގެފަހުން ޕޮޒިޓިވްވާ އެންމެން ގެންދާނީ ބަނޑޮސް ކަރަންޓީން ފެސިލިޓީއަށްކަމަށްވެސް ވިދާޅުވެފައެވެ.