ޚަބަރު

ކޯވިޑް-19 : މަރުވި ތިން މީހެއްގެ ސާމްޕަލް ނަގާ ކޮވިޑަށް ޓެސްޓްކުރަނީ


ގދ.ތިނަދޫއިން މަރުވި ދެމީހަކާއި މާލެއިން މަރުވި މީހެއްގެ ސާމްޕަލް ނަގާ ކޯވިޑަށް ޓެސްޓްކުރަމުން އަންނަކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުޙައްމަދު މަަބްރޫކް ޢަޒީޒް ވިދާޅުވީ، ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ މަރުވި އުމުރުން 95 ދުވަސްވީ މީހަކާއި، މިއަދު 78 އަހަރުގެ މީހެއްގެ ސާމްޕަލް ކޯވިޑަށް ޓެސްޓްކުރުމަށް ނަގާފައިވާކަމަށެވެ. އަދި އެމީހުންނަކީ ނޭވާލާން އުނދަގޫތަކެއް ހުރި މީހުންކަމަށާއި، އެމީހާއަށް ފަރުވާދެމުން އައިސްފައިވަނީ ވެންޓިލޭޓަރުގެ އެހީގައިކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި މިއަދު މާލެއިން 83 އަހަރުގެ މީހަކު މަރުވެފައިވާއިރު، އެމީހަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވިފައިވާ މީހެއްކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އޭނާއަކީވެސް އިތުރު ބަލިތަކަކަށް ފަރުވާ ހޯދަމުން އައިސްފައިވާ މީހެއްކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ، މަރުވި މި ތިން މީހުންގެ ސާމްޕަލް ކޯވިޑް19 އަށް ޓެސްޓްކުރުމަށް ނަގާފައިވާކަމަށެވެ. ނަމަވެސް އެ ތިން މީހުންގެ ކޭސްއަކީ ކޮވިޑް ކޭސްއަކަށް ވެދާނެތޯ ނޫންތޯ ބަލަމުން އަންކަމަށާއި، ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭކަމަށް ވިދާޅުވިއެވެ. މަބްރޫކް ވަނީ ޓެގް ޓީމުން މިކަމުގެ އިތުރު މަޢުލޫމާތު މާދަމާ ދޭނެކަމަށްވެސް މަބްރޫކް ވިދާޅުވެފައެވެ.