ޚަބަރު

ކޯވިޑް-19 : ފަރުވާދެމުން އަންނަ ޢުމުރުން ދުވަސްވީމީހާގެ ހާލު ސީރިއަސް


ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރި ޢުމުރުން 80 އަހަރުގެ މީހާގެ ޙާލު ސީރިއަސްވެ ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

އެންއީއޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް(ޓެގް) ޓީމްގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ ޑރ.އިބްރާހީމް އަފްޒަލް ވަނީ އެކަން ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އިތުރު ތަފްސީލް ހާމަނުކުރައްވައެވެ.

ކޭސް ނަންބަރު 81ގެ ގޮތުގައި ރެކޯޑްކުރެވިފައިވާ ޢުމުރުން 80 އަހަރުގެ މީހާ އަކީވަރަށް ގިނަ ބަލިތައް ތަހަމައްމަލުކުރަމުންދާ މީހެއްކަން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ކުރިން ހާމަކުރައްވާފައެވެ. އެގޮތުން އެމީހާއަކީ ސްޓްރޯކެއްޖެހި 2 އަހަރުދުވަސް ވަންދެން އެނދުގައި އޮތް މީހެއްކަމަށާ، އޭނާ ތަހައްމަލުކުރަމުންދާ ބަލިތަކުގެ ތެރޭގައި ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުމާއި، ކޮލެސްޓްރޯލް މައްޗަށް ދިއުން ހިމެނޭކަމަށްވެސް އެންއީއޯސީން މަޢުލޫމާތުދެެއްވައެވެ. އަދި ކާއެއްޗެހިދާ ހޮޅީގެ މައްސަލަތަކެއް ދިމާވެ އެތައް ފަހަރަކު ނިއުމޯނިއާ ވެސް އޭނާއަށް ޖެހިފައިވާކަމަށް އެ ސެންޓަރުން މަޢުލޫމާތު ދެއްވައެވެ.

ފަރުވާދެމުންދާ ޢުމުރުން ދުވަސްވީ މީހާގެ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން އިތުރު ދެމީހަކަށްވެސް ދަރުމަވަންތަ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އެމީހުންގެ ހާލު ރަނގަޅުކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.