ޚަބަރު

ކޯވިޑް-19 : ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް، އިތުރު ނުރައްކަލެއް


ރާއްޖޭގެ މުޖުތަމަޢުގައި ކޯވިިޑް-19ހެ ޙާލަތު އޮތް މިންވަރު ދެނެގަތުމަށް ރެންޑަމްކޮށް ނަގަންފެށި ސާމްޕަލްތަކުން މީހަކު ޕޮޒިޓިވްވެފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ކޮމިއުނިއޓީ ސްޕްރެޑެއް ނުވަތަ ޢާންމުންގެ ތެރޭގައި ބަލި ފެތުރެމުންދަނީ ކިހާ މިންވަރަކަށްތޯ ދެނެގަތުމުގެ މަސައްކަތް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން އަންނަނީ ކުރަމުންނެވެ.

މިގޮތުން ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނާ ގުޅުންހުރި ސަރަޙައްދުތަކާއި ޢާންމުން ގިނައިން ގޮސްއުޅުނު ތަންތަނާއި، ބާޒާރުމައްޗާއި، މިހާތަނަށް ޕޮޒިޓިވްވި ކްލަަސްޓާތައްހިމެނޭ ހައިރިސްކް ތަންތަނުން، މީހުންގެ ރެންޑަމް ސާމްޕަލް ނަގަން ނިންމައި އެކަން ވަނީ ފަށާފައެވެ.

އެގޮތުން އެންމެ ފުރަތަމަ ދުވަހުވެސް 25 ސާމްޕަލް ރެންޑަމްކޮށް ނަގާފައިވެއެވެ. ޓެގް ޓީމްގައި ހިމެނިވަޑައިގަންނަވާ އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ، ރެންޑަމްކޮށް ނެގި ސާމްޕަލެއްގެ ނަތީޖާ ޕޮޒިޓިވްވެފައިވާކަމަށެވެ. ޑޮކްޓަރ ވިދާޅުވީ ރެންޑަމްކޮށް ސާމްޕަލް ނެގުމަކީ ވަރަށް ފުޅާކޮށް ކުރެވޭނެކަމަކަށްވަތީ އަދިވެސް އިތުރު ބަޔަކު ފެނުމަކީ އެކަށީގެންވާކަމެއްކަަމަށެވެ.

"ކޮމިއުނިޓީ ސްޕްރެޑެއް ފެށޭކަމަށް ބެލެވޭނީ ހަޤީގަތުގައި އެކަމުގެ އެވިޑެންސް ލިބޭ ހިސާބުން. އެހެންކަމުން އޭތި ބެކްޓްރެކްކޮށްފަ އަޅުގަނޑުމެންނަށް މިއީ އެހެން ދިމާލަކުން އައި އެއްޗެއްކަމަށް ވެދާނޭ ކިޔާ އޭތި ތިއަރެންސް ކުރެވުނުކަމުގައިވިޔަސް ހަޤީގަތުގައި އުޅޭ ބުެވޭނީ އުޅޭކަމުގެ ހެކި ލިބޭ ހިސާބުން އެހެންނޫންތޯ. ކޮމިއުނިޓީ ސްޕެޑެއް އުޅޭކަން ބެލެވޭނީއެކަމުގެ ހެކިތައ ފެންނަފެށި ހިސާބުން." ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވިއެވެ.

ޓެގް ޓިމްގެ ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި، ބަލި މުޖުތަމަޢުގައި ބޮޑަށް ފެތިގެން އުޅޭކަމަށް ބެލެވެނީ އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހުންނާއި ސީދާ ދިމާވި މީހުންގެ ޢަދަދު ގިނަވުމާއި، ބާޒާރުމަތީ ކްލަސްޓާއާ ހަލުވިކަމާއެކު ފެތުރިގެން ދިއުމުންކަމަށެވެ. އަދި މީގެ ތެރެއިން ވަރަށް ގިނަ ޢަދަދެއްގެ މީހުންނަކީ ހައިރިސްކް މީހުންކަމަށް ފާހަގަކުރެވިފައިވާކަމަށާއި، އޭގެތެރެއިން ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާކަަމަށް ޑޮކްޓަރުން ކަންބޮޑުވުމާއެކު ދަނީ ފާހަގަކުރަމުންނެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، މިވަގުތު ބަލި ކޮންޓްރޯލްކުރުމަށް އޮތް ގޮންޖެހުމަކީ ކުޑަ ތަންކޮޅެއްގައި އުޅެންޖެހުންކަމަށެވެ. މި ބަލީގެ ފަރުވާއަކީ ލޮކްޑައުން ހާލަތުގައިވެސް އަދި އެހެން ހާލަތުގައިވެސް ގޭގައި މަޑުކުރުންކަމަށާއި، އާދަޔާއި ޚިލާފަށް ބަލި ފެތުރިގެން ނުދިއުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބާޒާރުގައި މުދާ ވިއްކަން އިންނަ މީހާއާއި މުދާ ގަންނަންދާ މީހާގެ ޒިންމާ ކުޑަ ނޫންކަމަށެވެ. މިނިސްޓަރ ވަނީ ބާޒާރުމަތިން ފެންނަ މަންޒަރުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އަޅުގަނޑުމެން މިވާހަކަތައް ތަކުރާރުކޮށް ދައްކާ ސިފައިންނާއި ފުލުހުން މަގުމަތީ ކަންކަން އެވަރަށް ބަލަމުންދާއިރުވެސް އަޅުގަނޑުމެންނަށް ބައެއް ފޮޓޯތައް ފެނުނީމަ އިންތިހާއަށް ދެރަވެ ކަންބޮޑުވޭ. ކީއްވެގެންތޯ؟ އެއީ ފޮޓޯތަކުން ފެންނަ ކޮންމެ މީހަކު އއީ މުދަލެއް ވިއްކަން އިން ބޭފުޅަކު ކަމުގައިވިޔަސް މުދަލެއް ގަތުމަށް އެތަނަށް ދާމިހަކުވިޔަސް މިވާހަކަތައް އަޑުއިވިފައިވާނެ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ވަނީ އާދަޔާ ޚިލާފަށް ގިނަ މީހުން ފާހަގަކުރެވިފައެވެ. އެންމެ މީހެއްގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންވެސް ދުއިސައްތަ އާއި ގާތްކުރާ ޢަދަދަކަށް މީހުން ދެނެގަނެވިފައި އެބަހުއްޓެވެ. މިއީ ދުނިޔޭގެ އާބާދީ ބޮޑެތި ޤައުމުތަކާއި އާޅާބަލާއިރު ވަރަށް މަތީ ޢަދަދެކެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުން މިހާރު ތަޖުރިބާކުރަމުންދާ އެއްކަމަކީ ބަލި ޖެހޭ މީހުންގެ ޢަދަދު ގިނަވެ ޕީކަށް އަރައިގެން ދާއިރު ސިއްޙީ ނިޒާމަށް ނުކާތާވަރުވެ ފަރުވާއައި ނުބައްދަލުވުމެވެ. އެއީ ސިއްޙީގޮތުން ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކާއި އާބާދީ ބޮޑެތި ޤައުމުތަކާއި ކުދި ޤައުމުތަކާއި ފަހުން ބައްޔާއި ބައްދަލުކުރި ޤައުމު ކޮށްފައިވާ ތަޖުރިބާއެވެ. މިނިސްޓަރ އަމީން ވަނީ ކަންބޮޑުވުމާއެކު މިކަމުގެ ނުރައްކާ ރާއްޖޭގައި އޮތް މިންވަރު ކޮންމެ މީހަކުވެސް ވަޒަންކޮށްލުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

"ކޮންމެ ބޭފުޅަކުވެސް ގެއިން ނިކުންނައިރު އަމިއްލަ ނަފްސާ ސުވާލުކޮށްލަންވީ ތިމަންނަ ނިކުމެގެންދާއިރު ތިމަންނަ ވާންޖެހޭ ތައްޔާރީތައް ވެފައިތޯ މިހުރީ. ކޮންމެހެން މަޖުބޫރުވެގެން މީހަކާއި ބައްދަލުވާހިނދުގައި އެމީޙާއާއި ތިމާއާއި ދޭތެރޭ ދުރުމިން މިހުރީ ކިހާވަރަކަށްތޯ. މިއީ ކޮންމެ ވަގުތެއްގައިވެސް ވިސްނަންޖެހޭ ކަންކަން. އެގޮތަސް މަސައްކަތްކުރެވިއްޖާ މީގެން ރައްކާތެރިވެވޭނެ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރެންޑަމްކޮށް ސާމްޕަލް ނަގަމުން ގެންދާއިރު އެކަކުވެސް ކޯވިޑް-19އަށް ޕޮޒިޓިވްވުމަކީ މިކަމުގެ ނުރައްކާ އޮތް މިންވަރު ހާމަވާކަމެކެވެ. ތިމާއަށް ނޭނގި ބަލި ޖެހިފައިވާ މީހަކާއި ބައްދަލުވުމަކީ ތިމާގެ ސަބަބުން މުޅި މުޖުތަމަޢު ނުރައްކަލުގެ ތެރެއަށް ހުށައެޅޭކަމެވެ.

ހެލްތު މިނިސްޓަރުވަނީ އަތޮޅުތަކުގައިވެސް ކޮންމެ ރަށަކުން މީހަކު ފެނުމާހަމައަށްވެސް ރާއްޖޭގެ މިހާލަތުގެ ނާޒުކުކަމާގުޅޭގޮތުން ކޮންމެ ރައްޔިތަކުވެސް ވިސްނެވުމަށް އެދިވަޑައިގެންނެވިއެވެ. ރައްކާތެރިވުމަށް މަސައްކަތްކުރަންވީ ތިމާގެ ގާތް ނުވަތަ ޢައިލާގެ މީހަކު ޕޮޒިޓިވްވުމުން އެކަނި ނޫންކަމަށާއި، މުޅި ޤައުމު މުޅި އާބާދީ މިހާރު މިއޮތީ ނުރައްކަލެއްގެ ތެރޭގައިކަން ފާހަގަކުރައްވާ ހެލްތު މިނިސްޓަރ އަމީން ވަނީ މިކަންކަމާ ދޭތެރޭ ވިސްނުމަށް ރައްޔިތުންގެ ކިބައިންއެދިވަޑައިގެންފައެވެ.