ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި 95 މީހުންނަކީ އެއްތަނެއްގައި އުޅޭ ބައެއް


މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި 95 މީހުންނަކީ އެއްތަނެއްގައި ދިރިއުޅެމުންދިޔަ ބައެއްކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ. މިއަދަކީ ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއަދު ވަނީ 116 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 95 މީހުންނަކީ ބިދޭސީންނެވެ.

އެންއީއޯސީގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެ ސެންޓަރުންގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި 95 މީހުންނަކީ އެއްތަނެއްގައި ދިރިއުޅެމުން އައިބައެއްކަމަށާއި، އެތަނަކީ ފުލުހުން މޮނިޓަރކުރަމުން ދިޔަތަނެއްކަމަށެވެ. މަބްރޫކް ވިދާޅުވީ މިވަގުތު ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅޭ 23 ތަނެއް ފުލުހުން މޮނިޓަރކުރަމުންދާކަމަށާއި، އެތަންތަނުގައި 1085 މީހުން ދިރިއުޅެމުންދާކަމަށެވެ.

މަބްރޫކް ވަނީ އެތަންތަނުގައިދިރިއުޅޭ އެންމެންގެ ސާމްޕަލް ނަގާ ޓެސްޓްކުރަމުން އަންކަން ފާހަގަކުރައްވާފައެވެ. މާލެ ސަރަޙާއްދުގައި ގިނަ ޢަދަދެއްގެ ބިދޭސީން އެއްތަނެއްގައިދިރިއުޅެމުން އަންނައިރު އެފަދަ ތަންތަން މޮނިޓަރކޮށް ސާމްޕަލް ނަގަމުންދާއިރު، އެފަދަ ތަންތަނުން ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާކަމަށްވެސް އެންއީއޯސީން ވަނީ ހާމަކޮށްފައެވެ.

މަބްރޫކް ވިދާޅުވީ މާލޭ ސަރަހައްދުގެ ފުރަބަންދު އިތުރުކުރީ ދެ ސަބަބެއް އޮވެގެންކަމަށާއި، އެއްސަބަބަކީ، ޕޮޒިޓިވްވި ކްލަސްޓާތަކުގެ ކޮންޓެކްޓްސް ގިނަވުމާއި، ކޮންޓްޓެކްޓުން ނުވަތަ ސީދާ ދިމާވާ މީހުންގެ ގޮތުގައި ފާހަގަކުރެވޭ މީހުން ބައްޔަށް ޕޮޒިޓިވްވަމުން އައުމާއި ގިނަ ބަޔަކު ތޮއްޖެހިފައިވާ މާހައުލުތަކުގައި ދިރިއުޅެމުން އަންނާތީ ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުވުމާއި، ގިނަ ޢަދަދެއްގެ ބިދޭސީން މާލެއިން ބޭރަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާތީ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ ކުރިން ބޭއްވި ޕްރެސްކޮންފަރެންސްގައި ސަރުކާރުންވަނީ ޕޮޒިޓިވްވި މީހުންނާއި ބައްދަލުވި ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅޭދެ ހަބެއް ފެނިފައިވާކަންވެސް ހާމަކުރައްވާފައެވެ.

ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވި 396 މީހުންގެ ތެރެއިން 251 މީހުންނަކީ ބިދޭސީންނެވެ.