ޚަބަރު

އިތުރު 72 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ


އިތުރު 72 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ދާދި ދެންމެ އެޗްޕީއޭގެ ޑޭޝްބޯޑްގައި ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާގޮތުން ޕޮޒިޓިވްވި 72 މީހުންނަކީ ބަނގްލަދޭޝް މީހުންނެވެ. ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 468އަށް އަރާފައެވެ. މިއަދު ވެސް ރާއްޖެއިން ވަނީ 116 މީހުން ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ބިދޭސީންނެވެ. ޕޮޒިޓިވްވި ބިދޭސީންގެ ޢަދަދު 323އަށް ވަނީ އަރާފައެވެ. ޕޮޒިޓިވްވި ބަނގްލަދޭޝް މީހުންގެ ޢަދަދު ވަނީ 252 އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވިދިވެހިންގެ ޢަދަދު ވަނީ 145 އަށް އަރާފައެވެ.

ރާއްޖެއިން ގިނަ ޢަދަދެއްގެ ބިދޭސީން ބައްޔަށް ޕޮޒިޓިވްވެފައިވާތީ ބިދޭސީން ދިރިއުޅޭ ގިނަ ތަންތަން ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އަދި މޮނިޓަރިންގެ ހާލަަތށް ގެންދިޔަ ތަންތަނުގެ ބިދޭސީން ކޯވިޑަށް ޓެސްޓްކުރުމުން ޕޮޒިޓިވްވަމުންދާކަން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ. މިހާތަނަށް ވަނީ ބިދޭސީން ދިރިއުޅޭ 23 ތަނެއް މޮނިޓަރިންގެ ހާލަަތަށް ގެންގޮސްފައެވެ. ސަރުކާރުން ވަނީ މާލެ ސަރަޙާއްދުގައި ބިދޭސީންނަށް ޚާއްޞާ ބޯހިޔާވަހިކަން ޤާއިމްކޮށް އެތަންތަނަށް ބަދަލުކުރަން ފަށާފައެވެ.

މީގެ އިތުރުން ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑް ނުވަތަ ޢާންމުންގެ ތެރޭގައި ބަލި ފެތުރެމުންދާތީ ވަނީ ރެންޑަމްކޮށް ކޯވިޑަށް ތެސްޓްކުރުމަށް ސާމްޕަލް ނަގަންފަށާފައެވެ. އަދި ރެންޑަމްކޮށް ނެގި ސާމްޕަލެއް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.