ޚަބަރު

ކޯވިޑް-19 : ލޯތްބާއި ކުލުނު އަށަގެންނެވުން


ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ހިތިކަމާއި ގިތިކަން މުޅި ދުނިޔެ މިދަނީ ތަޙައްމަލުކުރަމުންނެވެ. ހަމަހިމޭން މި ދިވެހިރާއްޖެއަށްވެސް މި ބަލިމަޑުކަމުގެ ކޮޅިގަނޑު މިވަނީ ލައިގެންފައެވެ.

މިންވަރުކުރައްވާފައިވާ ކަމެއްގައި އަޅުގަނޑުމެންނަށް އޮތީ ކެތްތެރިވެ، ސަބަބުތަކުގައި ހިފައި މިކަމުން ނަޖާވޭތޯ މަސައްކަތްކުރުމެވެ. އިދިކީލި ޝުޢޫރުތަކާއި ބަސްތަކުން ދުރުހެލިވެ، ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އެންމެން އެކައްޗެއް ކިޔައި، މިކަމުން އަރައިގަތުމަށް ޢަޒުމާއިއެކު ސާބިތުވުމެވެ. އަޅާލުމާއި ލޯތްބާއި ކުލުނުގެ އޮށް އަޅުގަނޑުމެންގެ ހިތްތަކުގައި އަށަގެންނެވުމެވެ.

އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި، މާތް ﷲ އިންސާނުން އުފައްދަވާފައިވަނީ އެކަކު އަނެކަކަށް ލޯތްބާއި ކުލުނާއި، އަޅާލުމާއި އޯގާތެރިކަމާއި، އެހީތެރިކަމާއި މަދަދަށް ބޭނުންވާނޭ ގޮތަށެވެ. ކޮންމެ އިންސާނަކީވެސް އެހެން މީހުންގެ ކުލުނާއި އޯގާތެރިކަމާއި އެހީތެރިކަން ބޭނުންވާނެ މީހެއްކަން ދުނިޔެވީ ޙަޔާތުން މިދަނީ ސާބިތުކޮށްދެމުންނެވެ.

ހިތްދަތިކަމާއި، ނުތަނަސް ކަމުގެ މިފަދަ ޙާލަތެއްގައި، މިކަމުގެ ނުތަނަވަސްކަމާއި ބިރުވެރިކަން ތަޙައްމަލުކުރަމުންދާ ފަރާތްތަކާމެދު ހަމްދަރުދީ ވާންޖެހެއެވެ. މިފަދަ ނާޒުކު ވަގުތެއްގައި އަޅުގަނޑުމެން އެކަކު އަނެކަކަށް އަޅާލައި ލޯތްބައި ކުލުނުގެ އޮށް މުޑުވަށްކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ކައު އިތުރު މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުން ދަސްކޮށްދޭ އެންމެ މާތް އެއް ފިލާވަޅަކީ އެއީއެވެ.

އެކަކު އަނެކަމަށް އަޅާލައި އޯގާތެރިވުމަކީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެކެވެ. މާތް ﷲ އިންސާނުން އުފައްދަވާފައިވަނީ، ލޯތްބާއި ކުލުނުގެ މައްޗަށް އެކުލެވޭ މުޖްތަމަޢެއް ބިނާކުރުމަށެވެ. އިޖްތިމާޢީ ރޫޙްގެ މަތީގައި މުޖުތަމަޢު އާރާސްތުކުރަމަށެވެ. ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގައިވެއެވެ. " މުއުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބިވުމުގައްޔާއި، ރަޙްމުކުރުމުގައްޔާއި، އޯގާތެރިވުމުގައި، އެމީހުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިނަމަ، ހޭލާހުރުމުންނާއި ހުންއައުމުން ހަށިގަނޑުގެ އެންމެހައި ގުނަވަންތައް އެގުނަވަނާއި ބައިވެރިވާނެއެވެ".

މިފަދަ ވަގުތެއްގައި އަޅުގަނޑުމެން ވާންޖެހޭނީ، އެއްބަޔަކު އަނެއް ބަޔަކަށް އަޅާލާއި އޯގާތެރިވާ ބަޔަކަށެވެ. މި ބަލިމަޑުކަމުގެ ވޭނީ އިޙްސާސްތަކުގައި އުޅެމުންދާ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ދީލަތިކަމާއެކު ޙަމްދަރުދީވާ ބަޔަކަށެވެ. މިފަދަ މާތް ސިފަތަކަކީ މުސްލިމުންގެ ކިބައިގައި ހުރުން ލާޒިމު ސިފަތަކެކެވެ. ދިވެހީންގެ މޫރިތި ދިރިއުޅުމުގެ ތަފާތު ހިނދުކޮޅުތަކުގައި މިފަދަ ރިވެތި ސިފަތަކުން ނަމޫނާ ދައްކާފައިވާކަން ހެކިދެއެވެ.

އަލަށް ދޯންޏެއް ބަނދެ މޫދަށް ބާލާ ދުވަހު، އެކަމުގެ އުފަލުގައި ފަރިވަޅު ވެދުންކޮށް ހެދުމަކީ، ދިވެހީންގެ މާޒީވި ޞަފުޙާތަކުން ފެނިގެން ގޮސްފައިވާ ކަމެކެވެ. ރޯދަމަހު ހާރުކާން ހޭލައި، ގެޔަކުން ތެލީގެ ފޫ ކަހާލާ އަޑު އިވިއްޖެނަމަ، ޖެހިގެން ހުންނަ ގެއިން އެ ގެއަށް ކާން ހިފައިގެން ދެއެވެ. މަސްއޮޑި މަހަށް ފުރާ މަސްނުބޭނުމުން، އަވައްޓެރި ގެއިން މަހާއި ގަރުދިޔަ ގެނެސްދީ ހެދިއެވެ. މިއިން ކޮންމެ މިސާލަކީ ލޯތްބާއި ކުލުނުގެ ރިވެތި މިސާލެކެވެ.

ޒަމާން ބަދަލުވެގެން ދިޔަ ކަމުގައިވިޔަސް، އަޅުގަނޑުމެން ތެރެއިން މިފަދަ ރީތި އާދަތައް ދިރެމުންދާކަން އުފަލާއެކު ފާހަގަކޮށްލަންޖެހެއެވެ. ބަލިވެއްޖެނަމަ، ބަލިމީހަށް ގޮވާލަންދެއެވެ. މި ޚައްސާސް ދަނޑިވަޅެއްގައި، ބައެއް ފަރާތްތަކުން ގޭގެ ކުލި މަޢާފުކޮށްދިނުމާއި، ކުލި ކުޑަކޮށްދިނުމާއި، ވަންނާނެ ތަނެއް ނެތިފައި ތިބި މީހުންނަށް ބޯހިޔާވަހިކަން ދިނުމާއި، ކާބޯތަކެއްޗާއި އަންނައުނު ފޯރުކޮށްދިނުން ފަދަ ކަންކަން ކޮށްދެމުންދާކަމީ، އެފަރާތްތަކުގެ ދީލަތިކަމާމެދު ފަޚްރުވެރިވާ ކަމެކެވެ.

ކޯވިޑް-19ގެ ހިތްދަތިކަމުގައި ތިބި ނުވަތަ މިކަމާއި ގުޅިގެން ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވެފައިވާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް އެހީތެރިމުގެ އަތެއް ދިއްކޮށްލާންޖެހެއެވެ. ލޯތްބާއި ކުލުނުގެ ނަޒަރަކުން އެމީހުންނަށް ބަލައިލަން އެބަޖެހެއެވެ. މި ޙާލަތުގައި ކުލިދެއްކޭނެ ގޮތެއް ނެތިފައި ތިބި މީހުންނާއި، ވަންނާނެ ބޯހިޔާ ވަހިކަމެއް ނެތް މީހުންނާއި، ޒަރޫރީ ބޭނުންތައް ފުއްދަން ދަތިވެފައިވާ މީހުންނާއި، ނަފްސާނީ އުނދަގޫތަކާ ކުރިމަތިލާންޖެހިފައި ތިބި މީހުންނަށް މިހާރަށްވުރެ ބޮޑަށް އޯގާތެރިވާން އެބަޖެހެއެވެ.

ލޭ އަޅަންޖެހިފައިވާ ތެލެސީމިޔާ ކުދިންގެ އުދާސްތަކުގައި ބައިވެރިވެ، ލޭ ހަދިޔާ ކުރަންޖެހެއެވެ. މިފަދަ ދަތި އުނދަގޫ ވަގުތެއްގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް މުޖްތަމަޢުގެ ކޮންމެ ފަރުދަކުވެސް ވެވުނު މިންވަރަކުން ކުލުނުގެ އަތެއް ދިއްކޮށްލުމަކީ އިންސާނިއްތަށްޓަކައި ކުރެވޭ މަތިވެރި ޞަދަޤާތެކެވެ. މާޔޫސްވެފައިވާ ހިތްތަކަށް ދިރުން ގެނައުމަށްޓަކައި ދެވޭނެ އަގުބޮޑު ހަދިޔާއެކެވެ.

މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެފުޅެއްގެ މާނައިގައިވެއެއެވެ. "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ."

އިސްލާމްދީނަކީ ލޯތްބާއި އަޅާލުމުގެ މައްޗަށް ބިނާވެފައިވާ ދީނެވެ. ރަޙްމަތާއި އޯގާތެރިކަމުގެ ދީނެވެ. އިސްލާމްދީނުގެ މަޤްޞަދުތަކުގެ ތެރޭގައި މީހުންގެ ފުރާނައާއި، މުދަލާއި އަބުރު ރައްކާތެރިކުރުން ހިމެނިފައިވާކަން އިސްލާމީ މަތިވެރި މަންހަޖުން އަންގައިދެއެވެ. ފަޤީރުކަމާއި ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހިފައިވާ މީހުންނަށް ކީރިތި ރަސޫލު ޞައްލަﷲ ޢަލައި ވަސައްލަމް އޯގާތެރިވެ ވަޑައިގެންނެވިއެވެ. ޔަތީމުންނާމެދު ހެޔޮކޮށް ހިތްތެވިއެވެ. ނިކަމެތިންނަށް އަޅާލެއްވިއެވެ. ކުޑަކުދީންނަށް ލޯތްބާއިއެކު މުޢާމަލާތުކުރެއްވިއެވެ.

މި ނާޒުކު ދަނޑިވަޅުގައި، ޤައުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުންނާއި، ޑޮކްޓަރުންނާއި، ޞިއްޙީ ޚިދުމަތްތެރިންނާއި، ފުލުހުންނާއި ސިފައިންނާއި، ދަރުމަވެރީންނާއި މަދަދުވެރިން، ވެވަޑައިގަންނަވަމުން އެގެންދަވަނީ މަތިވެރި ޤުރުބާނީއެކެވެ. އެ މަސައްކަތަކީ ބަރަކާތްތެރި މަސައްކަތެކެވެ. އަޅުގަނޑުމެން އެ ފަރާތްތަކުން އެކުރާ ބުރަ އަދި ހިތްވަރުގަދަ މަސައްކަތުގެ އަގު ވަޒަންކުރަންޖެހެއެވެ. ލޯތްބާއިއެކު މުޢާމަލާތުކޮށް، ހިތްވަރުދީ އެއްބާރުލުން ލޭންޖެހެއެވެ.

ބަލިވުމަކީ ކުށެއް ނޫނެވެ. އަދި އެކަމަކީ އިންސާނާ އަމިއްލައަށް ލިބިގަންނަ ކަމެއްވެސް ނޫނެވެ. ވޭނާއި ކެކުޅުން ލިބުމަށް ބޭނުންވާނީ ކާކުތޯއެވެ. ތިމާ މިއަދު ހެޔޮ ހާލުގައި ހުރިކަމުގައި ވިޔަސް ބަދުބަސް ބުނުމާއި، ހިތް ނުރުހޭ ފަދަ ބަސްތައް ބުނެ ހެދުމަކީ، ބަލީގެ އަސަރު ބޮޑުވެގެންދާނެ ކަމެކެވެ. ނުތަނަވަސްކަމާއި ނަފުރަތާއި ރުޅިވެރިކަން އިތުރުވެގެންދާނެ ކަމެކެވެ. އަޅުގަނޑުމެންނަށް އޮތީ އެފަރާތްތަކާމެދު ހަމްދަރުދީވުމެވެ. ޝިފާއަށް އެދި މާތް ﷲގެ އެހީއާއި މަދަދަށް އެދުމެވެ. ލޯތްބާއި ކުލުނުން އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން ސުލްޙަކުރުމެވެ.