ޚަބަރު

މެއި ޑޭ - މަސައްކަތްތެރިން ގޮތް ހުސްވެފައި


ކޮންމެ އަހަރެއްގެވެސް މެއި މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ މަސައްކަތް ތެރިންގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް މުޅި ދުނިޔޭގައި މީގެކުރިން ކުލަގަދަގޮތަކަށް ފާހަނގަކުރަމުން ގޮސްފައިވާއިރު، މިއަހަރުގެ މިދުވަހަކީ ދުނިޔޭގެ ހުރިހާ މަސައްކަތްތެރިންނަށްވެސް ވަރަށް ހިތްދަތި ދުވަހަކަށް ވަނީ ވެގެން ގޮސްފައެވެ.

ދުނިޔެއަށް މިއަދު އައިސްފައިވާ ކުރިއެރުންތަކާއި، ތަރައްޤީއަކީ މިކަންކަން ގެނައުމަށް ބުރަމަސައްކަތް ކުރި މަސައްކަތް ތެރީންގެ މިންނެތް މަސައްކަތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަދު ފެންނަމުންދާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާއި، އިމާރާތްތަކާއި، ފަންނުވެރިކަމަކީ މަސައްކަތްތެރިންގެ ކުޅަދާނަކާއި އޮހޮރުވި ދަލުގެ އަގެވެ. ވަރުބަލި ކަމެއްނެތި މަސައްކަތްތެރިން ކުރަމުންދިޔަ މަސައްކަތުން ދުނިޔެ އާރާސްތުވެފައިވާ މިންވަރާއި އައިސްފައިވާ ތަރައްޤީ ދުނިޔޭގެ ހުރިހާ ދިމާއަކުންވެސް ދަނީ ފެންނަމުންނެވެ.

މަސައްކަތް ތެރިންގެ ދުވަހާ މިއަދު ދުނިޔެ ކުރިމަތިލާފައިވަނީ ވަރަށް ހިތްދަތި ޙާލަލަތެއްގައެވެ. މާޔޫސްކަމާއި މޮޅިވެރިކަމާއިއެކުއެވެ. މިއަށްވުރެ ހިތްދަތި އަދި ނިކަމެތި މަސައްކަތްތެރިންގެ ދުވަހެއް ފާއިތުވެދިޔަ މާޒީގައި މަސައްކަތްތެރިންނާ ކުރިމަތިވެފައި ވާނެބާއެވެ.

.ކޯވިޑް-19އާ ގުޅިގެން މުޅި ދުނިޔެއަށް ވެރިވެފައިވާ ކުއްލި މުސީބާތާއެކު ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. މަސައްކަތެރިންގެ މަސައްކަތްތައް މިވަނީ މަޑުޖެހިފައެވެ. ތަރައްޤީގެ ކަންކަން ވަނީ ހުއްޓިފައެވެ. އިޤްތިޞާދުތައްދަނީ ފުޑުފުޑުވަމުންނެވެ.

މިއަދު ދުނިޔެ ކުރިމަތިލާފައި މިވާ ބަނަ ދުވަސްތަކުގައި އެންމެ ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހެނީވެސް މަސައްކަތްތެރިންނަށެވެ. ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ މީހުންވެސް ތިބެންޖެހިފައިމިވަނީ އަތް އުރާލައިގެން ގޭގައެވެ. ކާންބޯން ކުރަމުންދިޔަ އެތައް މަސައްކަތެއްވެސް މިވަނީ ހުއްޓުމަކަށް އައިސްފައެވެ. އަތްމަތިމި ހުސްވެ، ނިކަމެތިކަމާއި މޮޅިވެރިކަން މިވަނީ ކުރިމަތިވެފައެވެ.

އެންމެ ހިތްދަތިވާކަމަކީ ދުނިޔޭގެ އެތައްހާސް މަސައްކަތްތެރިންނެއްގެ ވަޒީފާ ނުވަޔަ ކުރަމުންދިޔަ މަސައްކަތް ގެއްލި މިއަދު އެމީހުން ބިކަވަމުންދާކަމެވެ. ރާއްޖޭގައި މިމައްސަލަ ވަނީ ކުރިމަތިވެފައެވެ. އެހެންނަމަވެސް ވީވަރަކުން މިކަން ކުޑަކުރެވޭތޯ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންވެސް ދެއެވެ. މިޙާލަތުގައި ސަރުކާރުން ޢިއުލާންކުރައްވާފައިވާ އިޤްތިޞާދީ ޕެކޭޖުތައް ވަޒީފާ ދޭ ކުންފުނިތަކާއި އެހެންވެސް ފަރާތްތަކަށް ލިބުމުގެ އެއް ޝަރުޠަކަށް މަސައްކަތްތެރިންގެ ހައްޤުތައް ޙިމާޔަތްކުރުން ސަރުކާރުންވަނީ ކަނޑައަޅުއްވާފައެވެ. އެހެންނަމަވެސް މިއީ އަދި މުޅި މައްސަލައަށް އޮތް ޙައްލެއް ނޫންކަން ޤަބޫލުކުރަން ޖެހެއެވެ.

ކޯވިޑް-19ގެ ބޮޑު ބަލިމަޑުކަން ދުނިޔޭގައި ތަހައްމަލްނުކުރާ ޤައުމުތަކަކީ މިއަދު އިގިލިން ގުނާލެވޭހާ މަދުގައުމުތަކެކެވެ. ބޮޑެތި ހުރިހާ ޤައުމުތަކެއްގައި މިދަނީ ބަލީގެ ނުރައްކާބޮޑުވެ، އެތައްހާސްބަޔަކު ދުނިޔެއާއި އަލްވަދާއުކިޔަމުންނެވެ. މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ ވާހަކަދައްކާއިރު ހަނދާނަށް ގެންނަންޖެހޭ އެންމެ މުހިންމު ބަޔަކީ މި ހިތްދަތި ޙާލަތުގައި އެންމެ ހިތްވަރާއިއެކު ސާބިތުކަން ދައްކާ ޞިއްޙީ ޚިދުމަތުގެ މަސައްކަތްތެރިންނެވެ. މިއީ މިއަދު މުޅި ދުނިޔޭގެ އެންމެންގެ އުންމީދާއި ގުޅިފައިވާ ހިތްވަރުދަގަ ފަހުލަވާނުންނެވެ. މިއަދުގެ ހުރިހާ ޝުއޫރަކާއި އުންމީދެއް އޮތީ މި ހިތްވަރުގަދަ މަސައްކަތްތެރިންނާއެކުއެވެ.

ޞިއްޚީ ހިދުމަތްތެރިން ކުރައްވަމުންދާ މަސައްކަތްތަކީ ވަޒީފާއަކަށްވުރެ ބޮޑަށް އިންސާނިއްޔަތަށްޓަކައި ކުރަމުންދާ އަގުހުރި ޚިދުމަތެކެވެ. ތިމާގެ ފުރާނަ އަތްމައްޗަށް ލައިގެން އަނެކާގެ ފުރާނަ ސަލާމަތްކޮށްދިނުމަށް ވަމުންދާ ގުރުބާނީއަކީ މުޅި ދުނިޔެ އެކަމަށް ދަރާފައިވާ ކަމެކެވެ. މި ޚިދުމަތްތެރިންގެ އަގު ވަޒަންކުރުމާއެކު ހުރިހާ ދާއިރާއެއްގެ މަސައްކަތްތެތިންނަށް ކުރިމަތިވެފައިވާ ނިކަމެތިކަމުން އަރައިގަނެވޭނެ މަގެއް މިވަނީ ހޯދަންޖެހިފައެވެ.