ޚަބަރު

ކޯވިޑް-19 : އިތުރު 7 މީހަކު ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޢަދަދު 475އަށް


ރާއްޖެއިން އިތުރު 7 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 475އަށް އިތުރުވެއްޖެއެވެ. މިއަދު ޕޮޒިޓިވްވި ހަތް މީހުންގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި ބަނގްލަދޭޝްގެ 2 މީހުންނެވެ.

ރާއްޖެއިން މިހާތަަނަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު ވަނީ 150 އަރާފައެވެ. އަދި ބިދޭސީންގެ ޢަދަދު 325 އަށް އަރާފައެވެ. ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ފަސް މީހަކަށް އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންނެވެ، އެއީ ހަތަރު ދިވެހިންނާއި ޕާކިސްތާން މީހެކެވެ.

މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން ނަތީޖާ ނުލިބި 697 ސާމްޕަލެއް ހުރިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އައިސޮލޭޝަންގައި 320 މީހަކު އެބަތިއްބެވެ. ރާއްޖެއިން މި ބަލީގައި އެކަކު ވަނީ މަރުވެފައެވެ.

ކޯވިޑް19 ފެތުރެމުންދާތީ ރާއްޖޭގައި ވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އަދި ފުރަބަންދުވެސް ވަނީ މިމަހުގެ 14 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ.