ޚަބަރު

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދު 491 އަށް އަރައިފި


އިތުރު 10 މީހުން ޕޮޒިޓިވްވެ ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 491 އަށް އަރައިފިއެވެ. އެޗްޕީއޭއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ 5 ދިވެހިންނާއި ބަނގްލަދޭޝްގެ 3 މީހަކާއި އިންޑިއާގެ 2 މީހެއްކަމަށެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު 157 އަށް ވަނީ އިތުރުވެފައެވެ. އަދި ބިދޭސީންގެ ޢަދަދު 330 އަށް ވަނީ އާރާފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޓެސްޓްކުރުމަށް 8037 ސާމްޕަލް ވަނީ ނަގާފައެވެ. އަދި ނަތީޖާ ނުލިބި 283 ސާމްޕަލް އެބައޮތްކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.

މިއަދު ވަނީ ރާއްޖޭގެ އިތުރު ރަށްތަކަކުން ކޯވިޑް ޖެހިފައިވާ ބަޔަކު ފެނިފައެވެ. އެގޮތުން ހއ.ތަކަންދޫއިން ވަނީ ތިން މީހުން ޕޮޒިޓިވްވެފައެވެ. އަދި މަނަދޫ މީހަކުވެސް މިއަދު ވަނީ މާލެއިން ޕޮޒިޓީވްވެފައެވެ. ހއ.އުލިގަމުންނާއި، ށ.މިލަންދޫ އަދި ނަރުދޫއިންވެސް ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ.

ރާއްޖޭގައި މިވަގުތު ކަރަންޓީން ފެސިލިޓީސްތަކުގައި 1225 މީހަކު ތިބިއިރު އައިސޮލޭޝަންގައި 424 މީހަކު އެބަތިއްބެވެ.
ކޯވިޑް19 ފެތުރެމުންދާތީ ރާއްޖޭގައި ވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އަދި ފުރަބަންދުވެސް ވަނީ މިމަހުގެ 14 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ.