ސިޔާސީ

މީރާގެ ބޯޑަށް އައްޔަންކުރުމަށް ފަސް ބޭފުޅެއްގެ ނަން މަޖިލީހަށް


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ
ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި ފަސް ބޭފުޅެއްގެ މަގާމުގެ މުއްދަތު
ހަމަވާތީ، އެ ބޭފުޅުންގެ ބަދަލުގައި އެ ބޯޑަށް އައްޔަން ކުރެއްވުމަށް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފަސް ނަންފުޅެއް ފޮނުއްވައިފި. 

މީރާގެ ބޯޑަށް އައްޔަންކުރަން ފޮނުއްވި ފަސް
ބޭފުޅުންނަކީ ހ. ނީލްވިލާ ލީނާ މުހައްމަދު ޒާހިރު ހުސައިނާއި، ސ. މަރަދޫ ޒެފެއާ
ފާތިމަތު ފަރްހީޒާއާއި، ގދ. ތިނަދޫ ކުދިމާގޭ ހަސަން ވަހީދާއި، ގއ. ދާންދޫ ސީސަންގޭ
ފަސީހް ޒާހިރު އަދި ލ. މާވަށު އަސްރަފީހިޔާ އަހުމަދު ފާއިޒު މުހައްމަދުއެވެ. 

މީގެ ތެރެއިން ހަސަން ވަހީދާއި އަހުމަދު ފާއިޒަކީ މިހާރުވެސް ބޯޑުގައި އިންނަވާ ބޭފުޅެކެވެ.



ރައީސް ފޮނުއްވި ނަންފުޅުތައް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު، އެބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ
ކޮމިޓީއަށް މަޖިލީހުގެ ތަޅުމުން ވަނީ ފޮނުއްވާފައެވެ. މީރާގެ ބޯޑަށް މެންބަރުން އައްޔަންކުރެއްވުމަށް ޓަކައި، މެންބަރުކަމަށް
ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 16 އިން ފެށިގެން 22 ވަނަ
ދުވަހުގެ ނިޔަލަށެވެ.



ދައުލަތުގެ ޓެކްސް އިދާރާގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބަވަނީ
ޑިރެކްޓަރު އަހުމަދު ފާއިޒުގެ އިތުރުން ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު
މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރާއި
ޗެއާޕާސަން އަހުމަދު މުހައްމަދާއި ޑެޕިއުޓީ ޗެއާޕާސަން ހަސަން ވަހީދާއި ޑިރެކްޓަރު
އައިޝަތު ލޫލާ ހަސަން އަދި ޑިރެކްޓަރު ހުސެއިން ސިރާޖެވެ.

މިއީ މީރާ އުފެދުނު ފަހުން މީރާގެ ބޯޑަށް މެމްބަރުން އައްޔަންކުރާ ދެވަނަ ފަހަަރު.