ކޯވިޑް-19

ކޯވިޑް-19 : ގުޅިފަޅުގަައި 600 މީހުންގެ ޖާގައިގެ އެކަމަޑޭޝަން ފެސިލިޓީއެއް ޤާއިމުކޮށްފި


ކ. ގުޅިފަޅުގައި އެކަމަޑޭޝަނަށާއި، ސްޓޯރޭޖަށް ޚާއްސަކޮށްގެން އެމް.ޓީ.ސީ.ސީން ޤާއިމުކުރާ ފެސިލިޓީގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ގުޅީފަޅުގަައި ތަރައްޤީކޮށްފައިވާ މި ފެސިލިޓީއަކީ ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ބައްޔަށް ޕޮޓިވްވާ މީހުންނާއި، އެމީހުންގެ ކްލޯސް ކޮންޓެކްޓްސް އަދި ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން އެކަހެރިކުރާ މީހުން ބޭތިއްބުމަށް ބޭނުންވާ އައިސޮލޭޝަން ކެޕޭސިޓީ އިތުރުކުރުމަށް ހަދާފައިވާ ފެސިލިޓީއެކެވެ.

ސަތޭކަ ހާސް އަކަފޫޓުގެ ޕްލޮޓެއްގައި ޤާއިމުކޮށްފައިވާ މި ފެސިލިޓީގެ މަސައްކަތް ނިންމާ، އެތަން މިހާރު ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭއާއި ޙަވާލުކޮށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ގުޅީފަޅުގައި ޤާއިމުކޮށްފައިވާ މި ފެސިލިޓީއަކީ 600 އަށްވުރެ ގިނަ މީހުންގެ ޖާގައިގެ ފެސިލިޓީއެކެވެ. އަދި އެކަމަޑޭޝަނަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސާފައިވަނީ އެމް.އެން.ޑީ.އެފްގެ އެހީތެރިކަމާއެކު ކަމަށްވެސް އެމް.ޓީ.ސީ.ސީން މަޢުލޫމާތުދެއެވެ.


މާލޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މިހާރު މާލޭ ސަރަޙައްދުގައި ކުރާ އެންމެ މުހިންމު މަސައްކަތަކީ ތޮއްޖެހިފައިވާ ތަންތަނުގައި ތިބި ބައްޔަށް ހުށައެޅުމުގެ ފުރުޞަތު ބޮޑު ބިދޭސީން އެތަންތަނުން ބަދަލުކުރުމެވެ. އެގޮތުން ހުޅުމާލެއާއި ވިލިވަރު އަދި ތިލަފުށީގައި ބިދޭސީންނަށް ޚާއްސަކޮށްގެން ގިނަ ފެސިލިޓީތަކެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

ގުޅީފަޅުގައި ޤާއިމުކޮށްފައިވާ މި ފެސިލިޓީގެ މަސައްކަތް ނިންމާ، އެތަން މިހާރު އެން.ޑީ.އެމް.އޭ އާއި ޙަވާލުކޮށްފައި ވާއިރު، މާލޭގައި ބައްޔަށް ހުށައެޅުމުގެ ފުރުޞަތު ބޮޑު ބިދޭސީން އެ ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.