ޚަބަރު

ކޯވިޑް-19 : އެއްވެސް ރަށެއްގައި ޑޮކްޓަރަކުނެތި ޚިދުމަތް މެދުކެނޑުނަ ނުދޭނަން - ސަރުކާރު


ޑޮކްޓަރެއް ނެތިގެން އެއްވެސް ރަށެއްގައި ސިއްޙީ ޚިދުމަތް މެދުކެނޑޭނެ ހާލަތަކަށް އަޔަ ނުދޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައިފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޗަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ކޯވިޑް-19 ރާއްޖއިން ފެނުމުން ރަށްރަށުގެ މެޑިކަލް ޓީމްތައް މާލެ ގެނެސްފައިވާކަމަށާއި، ނަމަވެސް މިހާރު އެޓީމްތައް އެ ރަށްރަށަށްދާން މިހާރު ފަށާފައިވާކަމަށެވެ. އަދި އެ މެޑިކަލް ޓިމްތަކުން 14 ދުވަހުގެ ކަރަންޓިން މުއްދަތު ފުރިހަމަކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ބަލި މިހާރު ފެތުރެމުންދާމިނަށް ބަލާއިރު، މިކަމުގައި ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ޑޮކްޓަރުންގެ ދަތިކަންކަމަށާ، ނަމަވެސް ޑޮކްޓަރެއްނެތިގެން އެއްވެސް ރަށެއްގައި ޚިދުމަތް މެދުކެނޑޭނެ ހިސާބަށް ރަށެއްގެ ހާލަތުނުދާނެ ގޮތަށް ވޭތޯ ބަލަމުން އަންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"އެއްވެސް ރަށެއްގައި ކަރަންޓިން ވުމުގެ ސަބަބުން އެރަށުގަ ދެން ކުރިއަށް އޮތް ދުވަސްތަކަށް ޑޮކްޓަރެއް ނެތް ހާލަތަށްދާކަމަށްވާނަ އެރަށަށް އެޓެންޑްވެ ޑޮކްޓަރަކު ދާނެ އިނގޭތޯ. އެއީ މިކަން ކުރެވޭނެގޮތްކަމަށް ފެންނަނީ." މަބްރޫކް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޯވިޑް-19އާ ގުޅޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރ، ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ މިބަލީގައި ދުނިޔޭގެ އެހެން ޤައުމުތަކުގައި ފަރުވާދެވޭގޮތަށް ބަލާއިރު، ގިނަ މީހުންނަކީ އާދައިގެ އަލާމާތް ނުވަތަ ކުޑަކޮށް އަލާމަތް ފެންނަބަޔެއްކަމަށާއި، ޕޮޒިޓިވްވާ ކޮންމެ މީހަކީ ހޮސްޕިޓަލް ސެޓަޕަށް ގެންގޮސް ފަރުވާދޭ މީހަކަށް ނުވެދާނެކަމަށެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ގިނައިން ބައްޔަށް ޕޮޒިޓިވްވަމުންދަނީ އެއްވެސް އަލާމާތެއްނެތް ނުވަތަ ކުޑަކުޑަ އަލާމާތެއް ހުންނަ މީހުންކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

"މިބަލި އެބަޖެހޭ ވިސްނައިގެން ދެނގަންނަން ބަލީގައި އެންމެ ބޮޑަށް ނުރައްކާވަނީ ދުވަސްވީ މީހުންނާ އެނޫނަސް އެހެން ބަލިތަކުން ހަށިގަނޑު ބަލިކަށި މީހުން، އެހެން ބަލިތަކެއްގައި ފަރުވާއެއް ނަގަމުންދާ މީހުން ، ނޫނިއްޔާ މާބަނޑުމީހުން، ފަސް އަހަރުން ދަށުގެ މީހުން. މިތަނުން މީހަކު ބަލިވެއްޖާ ވަކިން ޚާއްޞަ ނަޒަރަކުން ޓްރީޓޤމަންޓް ކުރިއަށް ގެންދަންޖެހޭނެ. ޢަންމުގޮތެއްގައި މި ބައްޔަކީ ވަރަށް ފަސޭހައިން ރަނގަޅުވާ ބައްޔެއް. ބަލީގެ އުނދަގޫވެސް ކުޑަ ބައްޔެއް. އޭގެ އަލާމާތްތައް ވަރަށް ކުޑަކުޑަކޮށްނޭ މިޖެނެނީ. ވަރަށް ގިނަ ބަޔަކު މިދަނީ އެއްވެސް އަލާމާތެއްވެސް ނުފެނި. އެހެންވީމަ ބަލި ފެތުރެމުންދާ ހާލަތެއްގައި އެ ހާލަތަށް ވިސްނަންޖެހިދާނެ." ޑރ.އަފްޒަލް ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބައްޔަށް ޕޮޒިޓިވްވުމުން އިރުޝަދުދެނީ ގޭގައި މަޑުކުރުމަށްކަމަށާއި، ކުޑަކޮށް ޢަލާމާތް ފެންނަ މީހުންނަށް ފަރުވާދެނީވެސް ގޭގައިކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ދާންޖެހެނީ ނޭވާލާން އުނދަގޫވުނމުންކަމަށާއި، އެހެންކަމުން ކުރިއަށް އޮތްތާނގާއި އެފަދަ ވިސްނުމަކަށް ދުރާލާ ޤަބޫލުކުރަންޖެހިފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރު އިތުރުވަމުންދާ ގޮތަށް އިތުރުވެއްޖެނަމަ ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން އަންނާނެކަން މީގެ ކުރިންވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. ރާއްޖޭގައި މިވަގުތު ސިއްޙީ ޚިދުމަތުގައި ތިބީ 905 ޑޮކްޓަރުންނާއި 2970 ނަރުހުންނެވެ.